އަވަށްޓެރި އިންޑިއާގެ ޓެމިލް ސިނަމާތަކުގެ ސުޕާސްޓާ "ރަޖިނީކާންތު" ނުވަތަ އަސްލު ނަމުން ނަމަ ޝިވާޖީ ރާއޯ ގައެކްވަދު، ސިޔާސީ މައިދާނުގައި ކުރިއަށް ދިއުމުގެ ނިޔަތެއް ދެން ނުގެންގުޅޭނެ ކަމަށް ބުނެފިއެވެ.

ރަޖިނީކާންތު ބުނީ ސިޔާސީ މައިދާނުގައި ކުރިއަށް ދިއުމުގެ ފިކުރެއް ނެތް ކަމަށާ، ސިޔާސީ ހުވަފެނުގައި ސިއްކަ ޖަހަން ޖެހުނީ އޭނާގެ ސިއްހަތު އެ ކަމަށް ތަން ނުދޭތީ ކަމަށެވެ.

އޭނާ އާންމު ކުރި 3 ސޮފުހާގެ ބަޔާނުގައި ރަޖިނީކާންތު ބުނީ މި ނިންމުމަކީ އޭނާގެ ފޭނުންނަށް ދެރަ ނިންމުކަށް ވެދާނެ ކަމަށެވެ. ނަމަވެސް، ސިޔާސީ ޕާޓީއެއް ފެށުމަށްފަހު، ކެމްޕޭން ކުރުމަށްޓަކައި ހަމައެކަނި ހަބަރު ފަތުރާ މީޑިއާއާއި ސޯޝަލް މީޑިއާއަށް ބަރޯސާވެގެން ލިބޭނެ ކުރިއެރުމެއް ނޯންނާނެ ކަމަށެވެ. ސިޔާސީ މައިދާނުގައި ތަޖުރިބާ ހުރި މީހުންވެސް މިކަމާ ދެކޮޅު ނުހަދާނެ ކަމަށްވެސް ރަޖިނީކާންތު ވަނީ ބުނެފައެވެ. ހަގީގަތަކީ އެތައް ހާސް ބައެއްގެ ގާތަށް އަމިއްލައަށް ދާންޖެހޭ ދިއުން ކަމަށްވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.

ފިލްމީ މައިދާނުގައި ދާދި ފަހުން އޭނާ މަސައްކަތް ކުރަމުން ދިޔަ ޕްރޮޖެޖްޓަކީ އެންމެ 120 މީހުންގެ ޕްރޮޖެކްޓެއް ކަމަށާ، އެ ޓީމުންވެސް ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭހެއް ފެނިގެން 3 ދުވަހަށް ޑޮކްޓަރުންގެ ބެލުމުގެ ދަށަށް ދާން ޖެހުނު ކަން ރަޖިނީކާންތު ފާހަގަ ކުރިއެވެ.

ކޮވިޑް ފެތުރެމުން ދަނީ އިންތިހާ ހަލުވި މިނެއްގައި ކަމަށާ، އޭނާގެ ސިއްހަތަށް ގެއްލުމެއް ލިބިއްޖެނަމަ، މި ހާލަތުގައި އޭނާއަށް ބަރޯސާވެގެން ތިބޭ ބައަކަށް ނަފްސާނީ ގޮތުންނާއި މާލީ ގޮތުންވެސް ތަކުލީފު އުފުލަން ޖެހިދާނެ ކަމުގެ އިންޒާރު، ރަޖިނީކާންތު ވަނީ ދީފައެވެ. އެކުވެރިންނާއި އެއްބާރުލުންދޭ މީހުން ގުރުބާން ކުރުމުގެ ފިކުރެއް ނެތް ކަންވެސް ރަޖިނީކާންތު ވަނީ ފާހަގަ ކޮށްފައެވެ.

ސިޔާސީ މައިދާނުގައި ކުރިއަށް ނުދިޔަ ކަމުގައި ވީ ނަމަވެސް، ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރަމުން ދާނެ ކަން، އުމުރުން 70 އަހަރުގެ ސުޕާސްޓާރު ވަނީ ހާމަ ކޮށްފައެވެ.