ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އަނބިކަނބަލުން ފަޒްނާ އަހުމަދުގެ ގެއަށް ފުރަތަމަ ވަޑައިގެންނެވި ދުވަހު ފެއްޓެވީ ކީރިތި ކުރައްވަން ކަމަށް ރައީސް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "ބާއްޖެވެރި ހެނދުނެއް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

މިއީ މީގެ ކުރިން ދައްކަވާފައި ނުވާ ވާހަކައެއް ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އެމަނިކުފާނު އެންމެ ފުރަތަމަ މާލެ ވަޑައިގެންނެވީ 1980ގެ ކުރީކޮޅު ކަމަށެވެ. އެގޮތުން މާލެ ވަޑައިގެންނެވީ ތައުލީމު ހާސިލު ކުރެއްވުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު މާލެ ވަޑައިގެން އެންމެ ފުރަތަމަ ކިޔަވަން ހުންނެވީ ފަޒުނާ (ފަޒޫ) ގެ ގޭގައި ކަމަށެވެ. އެއީ ރައީސްގެ ބައްޕަ އާއި ފަޒޫގެ ބައްޕައަކީ ވަރަށް ގާތް ދެ ރަހުމަތްތެރިން ކަމަށާއި ވިޔަފާރީގެ ގުޅުން ވެސް އޮންނާތީ ކަމަށެވެ.

އަޅުގަނޑު މާލެ ގެނެސް އެންމެ ފުރަތަމަ ކިޔަވަން ބެހެއްޓީ ފަޒޫގެ ގޭގައި، އަޅުގަނޑުގެ ބައްޕަ އާއި ފަޒޫގެ ބައްޕައާ އެއީ ވަރަށް ގާތް ދެ ރަހުމަތްތެރިން، ވިޔަފާރީގައިވެސް ވަރަށް ގުޅުން އޮންނާނެ އަޅުގަނޑު މާލެ އައީ މާމައާއެކު، އައިސް ބޮޑުބޭބެ ކައިރީގައި ހުރެފައި މާމަ ފުރަންވީމަ އަޅުގަނޑު އެގޭގައި ބެހެއްޓީ، އަޅުގަނޑުގެ ދެ ދައްތައިން ތިބީ އެގޭގައި، އަޅުގަނޑު އެގެއަށް ގެންދިޔައީމަ އަޅުގަނޑު ނުހުރިން އެގޭގައި، ރޯން ފެށީ، ރޯން ފެށި ގޮތަށް އެރޭ 12 ޖަހަންދެން ހުއްޓާ ނުލާ ރުއިން
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ވިދާޅުވީ އެންމެ ފަހުން ބޮބުބޭބެ ގެއަށް އެމަނިކުފާނު ބަދަލުކުރެއް ވީ ކަމަށެވެ. އަދި ކިޔެވުން ނިންމަވާ ލެއްވީ އެގޭގައި ހުންނަވައިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

އަޑުގެ ޕްރޮގްރާމްގައި ރައީސް ބައިވެރިވެވަޑައިގެން ފައިވާ އިރު، އެ ޕްރޮގްރާމަކީ ދިވެހިރާއްޖޭގެ އަޑުގެ 58 ވަނަ އަހަރީ ދުވަސް ފާހަގަކުރުމު މުނާސަބާގައި ގެނެސްދިން ހާއްސަ ޕްރޮގްރާމެކެވެ. ރައީސް ވާހަކަފުޅު ދައްކަވަމުން ދިވެހިރާއްޖޭ އަޑުގެ އަހަރީ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އެ ތަނުގެ ހުރިހާ މުވައްޒަފުންނަށް ވަނީ ފޮނުއްވާފައެވެ.