ޑްރައިވިން ލައިިސަންސްގެ ބަދަލުގައި ޕާސްޕޯޓް ކާޑު ބޭނުން ނުކުރެވޭ ގޮތަށް ދިވެހި ޕާސްޕޯޓު ކާޑާބެހޭ ގަވާއިދަށް އިމިގްރޭޝަނުން އިސްލާހު ގެނެސްފިއެވެ.

މީގެ ކުރިން ޕާސްޕޯޓު ކާޑާބެހޭ ގަވާއިދުގައި ޕާސްޕޯޓު ކާޑު ބޭނުންކޮށްގެން ހޯދޭނެ ހިދުމަތްތައް ވަނީ ބަޔާންކޮށްފައެވެ.

އެގޮތުން ރާއްޖޭގައި ބައިނަލްއަގުވާމީ ވައިގެ ބަނދަރުތަކުންނާއި ކަނޑުގެ ބަނދަރުތަކުން ފުރުމަށާއި ރާއްޖެއަށް އެތެރެވުމަށާއި ބޭންކް އޮފް މޯލްޑިވްސްގެ މާސްޓާ ކާޑުތަކުން ލިބޭ ހިދުމަތްތައް ހޯދުން ހިމެނެއެވެ.

އޭގެ އިތުރުން އެލައިޑް އިންޝުއަރެންސްގެ ހިދުމަތް ހޯދުމަށާއި ދިވެހި ރައްޔިތެއްކަން ދެނެގަތުމަށް ނުވަތަ ކާކުކަން ދެނެގަތުމަށް ވެސް އެ ކާޑު ބޭނުމާއި ޑްރައިވިން ލައިސެންސް ކާޑުގެ މައުލޫމާތު ބެލުމަށް ވެސް ޕާސްޕޯޓު ކާޑު ބޭނުންކުރެވޭނެ ކަމަށް ގަވާއިދުގައި މީގެ ކުރިން ބުނެފައިވެއެވެ.

އިިމިގްރޭޝަނުން ގެޒެޓްކޮށްފައިވާ ދިވެހިރާއްޖޭގެ ޕާސްޕޯޓް ކާޑާބެހޭ ގަވާއިދަށް ގެނެސްފައިވާ އިސްލާހުގައި ވާގޮތުން މިއަދުން ފެށިގެން ޕާސްޕޯޓް ކާޑު ބޭނުންކުރި ހިދުމަތްތަކުގެ ތެރެއިން އުނި ކޮށްފައިވަނީ ހަމައެކަނި ލައިސަންސް ކާޑުގެ ހިދުމަތްތައް ހޯދުން އެކަންޏެވެ.

އޭގެ އިތުރުން އިމިގްރޭޝަން އިން ދޫކުުރާ ޕާސްޕޯޓް ކާޑު މެދުވެރިކޮށް އިތުރު ހިދުމަތް ލިބޭގޮތަށް ހަމަޖެއްސުމުގެ އިހްތިޔާރު އެ އިދާރާއަށް ލިބިގެންވެއެވެ.

ޕާސްޕޯޓް ކާޑް އިމިގްރޭޝަނުން ތައާރަފްކޮށްފައިވަނީ 2017 ވަނަ އަހަރުގެ ތެރޭގައިއެވެ.