ބީއެމްއެލް އިން އަމިއްލަ ފަރުދުންނަށް ދެމުން އަންނަ ހިދުމަތްތައް އެކައުންޓް ހުޅުވާ ސެންޓަރުން ދިނުމަށް ނިންމައިފިއެވެ.

ބީއެމްއެލް އިން ބުނީ އަމިއްލަ ފަރުދުންނަށް މެއިން ބްރާންޗް ގެ 2 ވަނަ ފަންގިފިލާއިން ދެމުން ގެންދިޔަ ބައެއް ހިދުމަތްތައް ޖަނަވަރީ 3، 2021 އިން ފެށިގެން މާލޭ ސްކޮޔާގެ 1 ވަނަ ފަންގިފިލާ (އެކައުންޓް އޯޕަނިން ސެންޓަރު) އަށް ބަދަލު ކުރެވިފައިވާ ކަމަށެވެ.

އެ ހިދުމަތްތަކުގެ ތެރޭގައި މައުލޫމާތު ފޯމު ހުށަހެޅުމާއި ކާޑަށް އެދި ހުށަހެޅުމާއި އިންޓަނެޓް ބޭންކިން އަށް އެދި ހުށަހެޅުމާއި ސްޓޭންޑިން އޯޑާ އަށް އެދި ހުށަހެޅުން ހިމެނެއެވެ.

އޭގެ އިތުރުން ރިފަރެންސް ލެޓާ ދޫކުރުމާއި ބެލެންސް ކޮންފަމޭޝަން ލެޓާ ދޫކުރުން އަދި އެކައުންޓް އެކްޓިވޭޓް ކުރުން ހިމެނޭ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

އަމިއްލަ ފަރުދުންނަށް މެއިން ބްރާންޗް ގެ 2 ވަނަ ފަންގިފިލާއިން ދެމުން ގެންދިޔަ ބައެއް ހިދުމަތްތައް މާލޭ ސްކޮޔާގެ 1 ވަނަ ފަންގިފިލާއަށް ބަދަލުކުރަން ނިންމާފައިވާއިރު ދާދި ފަހުން ބީއެމްއިލް މެއިން ބްރާންޗްގެ ދެވަނަ ފަންގިފިލާއިން ވިޔަފާރިތަކަށް ދެމުން އަންނަ ހިދުމަތްތައް މާލެ ބިޒްނަސް ސެންޓަރަށް ވަނީ ބަދަލުކޮށްފައެވެ.

އޭގެ އިތުރުން ބީއެމްއެލް އިން ވަނީ ބީއެމްއެލްގެ އެއާޕޯޓާއި ބާޒާރު ބްރާންޗް ބަންދު ކުރުމަށް ވެސް ނިންމާފައެވެ.