އަހުވަންތަކަން އިސްކޮށްގެން ނޫނީ މިހާރު މިއޮތް ހާލަތުން އަރައި ނުގަނެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް އެހެން ވިދާޅުވެފައިވަނީ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބާގައި ރޭ ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބުގެ ވާހަކަފުޅުގައި ވަނީ މިއަދު ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ގައުމުގެ އިގްތިސާދަށް އަދި އިޖްތިމާއީ ގޮތުން ކުރިމަތިވެފައިވާ ހާލަތުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ.

އެގޮތުން ކޯވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތުގެ އެންމެ ކުރީ ސަފުގައި މަސައްކަތް ކުރައްވާ އެންމެހާ ފަރާތްތަކާއި ދިވެހި ހުރިހައި ފަރުދުން ވެސް މިއަދު ކުރަމުން ގެންދަވަނީ ނަމޫނާ މަސައްކަތްތަކެއް ކަމަށް ނައިބު ވަނީ ވިދާޅުވެފައެވެ. އަދި އަހުވަންތަކަށް އިސްކޮށްގެން ނޫނީ މިހާރު ކުރިމަތިވެފައި އޮތް ހާލަތުން އަރައި ނުގަނެވޭނެ ކަމަށް ނައިބު ވިދާޅުވިއެވެ.

މީގެ އިތުރުން ގައުމީ ތަރައްގީގެ ދާއިރާއިން ސަރުކާރުން ހޯދަމުންދާ ކުރިއެރުން ތަކަށް ވެސް ނައިބުގެ ވާހަކަފުޅުގައި އިޝާރާތް ކުރެއްވިއެވެ. މި މަސައްކަތްތަކަކީ ދިވެހި ހުރިހާ ރައްޔިތުންގެ އަޑު އަހާ، އެންމެންގެ ބައިވެރިވުމާއި އެހީތެރިކަމާއެކު ސަރުކާރުން ކުރަމުންދާ މަސައްކަތްތަކެއް ކަމަށް ނައިބު ސިފަކުރެއްވިއެވެ.

އެ ކަން އެ ގޮތަށް ކުރުމަކީ ސަރުކާރުގެ މައި ސިޔާސަތެއް ކަން ފާހަގަކުރައްވާ ނައިބު ވަނީ، ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ތަރައްގީއާ ތަމަންދުން ހޯދާދިނުމަށް ސަރުކާރުން ކޮށްފައިވާ އަދި މިހާރު ވެސް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާ ލައްވަފައެވެ.

މި ޖަލްސާގައި ނައިބު ދެއްކެވި ވާހަކަފުޅު ނިންމަވައިލެއްވީ ހެޔޮ ކަންކަމަށް ގޮވައިލާ އެ ފަދަ ކަންކަމަށް ބާރު އަޅާ ބަޔަކަށްވުމަށް އެންމެން ވެސް މަސައްކަތް ކުރުމަށް އިލްތިމާސް ކުރައްވަމުންނެވެ.

މި ގޮތުން ތަރައްގީއަށް ހުރަސްއެޅޭ ފަދަ އަމަލުތަކުން ދުރުހެލިވެ، ދިވެހި ދަރިންނަށް ނަމޫނާ ދައްކާ އެކުގައި މަސައްކަތް ކޮށްގެން ކުރިއަށް އޮތް ޖީލުތަކަށް ރައްކާތެރި ފާގަތި ގައުމެއް ބިނާކޮށްދޭނެ ބަޔަކަށްވުމަށް އަޒުމް ކަނޑައަޅާ މަސައްކަތް ކުރުމަށް ނައިބު ގޮވައިލެއްވިއެވެ.