ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް އަސްޓްރާޒެނީކާ ކުންފުނިން ތަރައްގީ ކޮށްފައި ވާ ވެކްސިނަކީ، އިނގިރޭސިވިލާތުން ރިޕޯޓްކޮށްފައިވާ ކޮރޯނާވައިރަހުގެ އާ ވޭރިއަންޓް (ވީޔޫއައި 202012/01) އާ ދެކޮޅަށްވެސް މަސައްކަތް ކުރާ ވެކްސިނެއް ކަމަށް، އަސްޓްރާޒެނީކާ ކުންފުނިން ބުނެފިއެވެ.

އޮކްސްފޯޑް ޔުނިވާސިޓީއާ ގުޅިގެން ކޮވިޑް-19އަށް ވެކްސިން ތަރައްގީ ކުރަމުން އަންނަ އަސްޓްރާޒެނީކާ ކުންފުނީގެ ޗީފް އެގްޒެކެޓިވް ޕެސްކޯލް ސަރިއޮޓް ވިދާޅުވީ، އެ ކުންފުނީގެ ވެކްސިނަކީ އާ ވޭރިއަންޓާ ދެކޮޅަށް ކާމިޔާބު ކަމާއެކު މަސައްކަތް ކުރާނެ ވެކްސިނެއް ކަމަށް، އެ ކުންފުނީގެ ދިރާސާ ޓީމުން ޔަގީނާ ގާތަށް ގަބޫލުކުރާ ކަމަށެވެ.

ކިތަންމެ ބޮޑު ޔަގީން ކަމެއް އޮތް ނަމަވެސް، ގިނަ ޓެސްޓު ތަކެއް ހަދަންޖެހޭ ކަން އޭނާ ފާހަގަ ކުރެއްވިއެވެ. އެއްވެސް ކަމެއް ފުރިހަމަ އަށް ޔަގީން ނުކުރެވޭތީ، ޓެސްޓުތަކެއް ހަދާނެ ކަމަށް އަސްޓްރާޒެނީކާގެ އޮފިޝަލު ވަނީ ވިދާޅުވެފައެވެ.

ވެކްސިންގައި އެކުލެވޭ "ކާމިޔާބު ފޯމިއުލާ" އަކީ، އިނގިރޭސިވިލާތާއި، ދެކުނު އެފްރިކާ އަދި އިޓަލީ ފަދަ ގައުމުތަކުން ފެންނަމުންދާ އާ ވޭރިއަންޓާ ދެކޮޅަށްވެސް ދިފާއު ހޯދާނެ ފޯމިއުލާއެއް ކަމަށް ސަރިއޮޓް އުއްމީދު ކުރައްވައެވެ.

ކުއްލި ހާލަތުގައި އަސްޓްރާ ޒެނީކާގެ ވެކްސިން ބޭނުންކުރުމަށް ހުއްދަ ދޫކޮށްފައި ވާ ކަމަށް އިންޑިއާގެ މީޑިއާއިން ވަނީ ރިޕޯޓްކޮށްފައެވެ. އަދި އަންނަ ޖަނަވަރީ މަހު ވެކްސިން ދިނުމުގެ މަޝްރޫއު ފެށިދާނެ ކަމުގެ އިޝާރާތެއްވެސް ވަނީ ލިބިފައެވެ.