ކޮވިޑް ބަލިމަޑުކަން ރާއްޖޭގައި ފެތުރެމުން ދިޔަ މި ދުވަސްވަރު ބަލި ކޮންޓްރޯލް ކުރުމަށް ދިވެހި ސަރުކާރާއެކު ދިވެހިން ދައްކާފައި ވަނީ އެއްބައިވަންތަ ކަމުގެ ނަމޫނާއެއް ކަމަށް ސިޔާސީ ޕާޓީ އެމްއާރްއެމުން ބުނެފިއެވެ.

ގައުމީ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން އެމްއާރްއެމުން ބުނީ، ކޮވިޑް-19ގެ މިހާލަތުގައި ވެސް ސަރުކާރާއި ދިވެހި ރައްޔިތުން ދައްކާފައި ވަނީ ގައުމީ އެއްބައިވަންތަކަން ކަމަށާއި ކޮވިޑް ބަލި ޖެހޭ މީހުންގެ އަދަދު ދަށުގައި ހިފެހެއްޓިފައި ވަނީ ވެސް އެއްބައިވަންތަކަމާ އެކު ސަމާލުވެ ތިބެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދޫކޮށްނުލާތީ ކަމަށެވެ.

"މާތް ﷲ، ދިވެހިރާއްޖެއަށް، އަމަން އަމާން ކަމާއި، ކުރިއެރުން މިންވަރު ކުރައްވާށި! އަދި މިފަދަ ނުރައްކާތެރި ބިރުވެރި ހާދިސާތަކުން ދިވެހި ޤައުމާއި ދިވެހި ލޮބުވެތި ރައްޔިތުން ސަލާމަތް ކުރައްވާށި! ދިވެހި ރައްޔިތުން މާތްވެގެންވާ އިސްލާމްދީނުގެތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެކޮށްގެން ތިބެ ސުލްޙަވެރިކަމާއި ހިތްހަމަޖެހުމާއެކު ދިރިއުޅެމުން ގެންދިޔުމަށް މަގު ފަހިވާ ފަދަމިނިވަން އިންސާފުވެރި ޑިމޮކްރެޓިކް ވެށްޓެއް ޤާއިމް ކުރުމުގެ ހެޔޮ ތައުފީޤު ދެއްވާށި! އާމީން."
އެމްއާރްއެމް

ރާއްޖޭގައި އެއްބައިވަންތަ ކަމުގެ ދުވަސް ފާހަގަ ކުރަނީ ރާއްޖޭގެ ފަހުގެ ތާރީހެއްގައި ހިނގައި ދިޔަ ވަރަށް ހިތާމަވެރި އަދި ބިރުވެރި ހާދިސާއެއް ކަމަށްވާ ސުނާމީ ކާރިސާއާ ގުޅިގެން ދިވެހިންގެ އަހުވަންތަކަމާއި އެއްބައިވަންތަކަން ފާހަގަ ކުރުމުގެ ގޮތުން ކަމަށް އެ ޕާޓީން ބުނެއެވެ. އެގޮތުން 2004 ވަނަ އަހަރު ސުނާމީ ކާރިސާގެ ނާޒުކު ދަނޑިވަޅުގައި ދިވެހި ލޮބުވެތި ރައްޔިތުން ދެއްކީ ދުލާއި ގަލަމުން ބަޔާން ނުކުރެވޭ ފަދަ އެއްބައިވަންތަ ކަމެއް ކަމަށް އެމްއާރްއެމުން ބުނެއެވެ. އަދި މި ދުވަސް ފާހަގަ ކުރާ އިރު އެ ދުވަހު ދިވެހިން ދެއްކި މަތިވެރި ގައުމީ ރޫހުގެ ހަނދާން އާ ކޮށް އެކަމުން އިބުރަތް ލިބިގަންނަން ޖެހޭ ކަމަށް އެމްއާރްއެމުން ބުނެއެވެ.

އެ ދުވަހު ދިވެހި ރައްޔިތުން އިސްކުރީ ގައުމީ މަސްލަހަތާއި ގައުމީ އެއްބައިވަންތަކަން ކަމަށާއި ގައުމަށް ދިމާވާ މިފަދަ ކޮންމެ ދަތި އުނދަގޫ އަދި ހިތާމަވެރި ދަނޑިވަޅެއްގައި ގައުމީ މަސްލަހަތު އިސްކޮށް ދިވެހި ކޮންމެ ފަރުދަކު ވެސް މަސައްކަތް ކުރުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއް ކަމަށް އެމްއާރްއެމުން ބުނެއެވެ. މީގެ އިތުރުން ސުނާމީ ކާރިސާގައި ދުނިޔެއިން ވަކިވެގެން ދިޔަ އެންމެހާ މީހުންގެ ފާފަ ފުއްސަވާ ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކޮށް ދެއްވުމަށާއި އެ އާއިލާތަކަށް މިއަދުވެސް ތައުޒިއާ ދަންނަވާ ކަމަށް އެ ޕާޓީން ބުނެއެވެ.

"ދިވެހި ރާއްޖޭގެ ގާއުމީ އެއްބައިވަންތަ ކަމުގެ ދުވަސް" ފާހަގަ ކުރަނީ، ޑިސެމްބަރު 26، 2004 ގައި ރާއްޖެއަށް ކުރިމަތިވި ސުނާމީގެ ކާރިސާގައި އެ ދުވަހު މިދުނިޔެ އާއި ވަކިވެ ދިޔަ ދިވެހީންގެ ޒިކުރާ އާކުރުމުގެ ގޮތުންނާއި އެ ދުވަހު ދިވެހީން ދެއްކެވި އެއްބައިވަންތަކަމުން އިބްރަތް ލިބިގަތުމަށެވެ.

ޑިސެމްބަރު 26، 2004 ވަނަ ދުވަހު އިންޑޮނޭޝިއާގެ ސުމަޓްރާއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން އުފެދުނު ބިޔަ ރާޅާ އެކު ރާއްޖެއަށް ސުނާމީގެ ރާޅުތައް އެރީ އެދުވަހުގެ ހެނދުނު 9:20 ގައެވެ. އަދިވެސް ސުނާމީ ކާރިސާގެ ހަނދާންތައް ދިވެހިންގެ ހިތުން ފިލައިގެނެއް ނުދެއެވެ.