މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް ބަލިމަޑުކަމަކީ މުޅި ދުނިޔޭގެ ހުރިހާ ބޯޑަރުތައް ބަންދުކޮށް ދުނިޔޭގެ ހުރިހާ ގުޅުންތައް ބުރި ބުރި ކުރަމުންދާ ސުނާމީއެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮރިން މިނިސްޓްރީން މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، ސުނާމީގެ ހިތްދަތި ދުވަސްތަކަށް 16 އަހަރު މިއަދު ވެގެން ދާއިރު ދިވެހިރާއްޖެއާއި މުޅި ދުނިޔެ ކުރިމަތިވެފައި ވަނީ މާ ނުރައްކާތެރި ލޮލަށް ނުފެންނަ ސުނާމީއަކާ ކަމަށެވެ. ކޮވިޑްގެ ނުރައްކާތެރި ވައިރަސްގައި ދުނިޔޭގެ އެތައް ބަޔަކު މަރުވެ، އެތައްބަޔަކު މިކަމުގެ ހިތްދަތި ކަމުގައި އުޅެމުންދާ ކަަމަށާއި މިއީ މިއަދު އޮތް އެންމެބޮޑު ގޮންޖެހުން ކަމަށް ޝާހިދު ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑުމެންގެ ކުރިމަތީގައި އަޅުގަނޑުމެންނަށް މިއަދު ހަމަލާ ދެމުން މިދާ ސުނާމީ އަކީ ކުދިކުދި ވައިރަސްތަކެއްގެ ސިފައިގައި އަޅުގަނޑުމެންގެ މުޅި މުޖުތަމައުއަށް ހަމަލާދެމުންދާ ސުނާމީއެއް. މުޅި ދުނިޔެ ފަނާކުރަމުންދާ ސުނާމީއެއް. މުޅި ދުނިޔޭގެ ހުރިހަ ބޯޑަރުތައް ބަންދުކޮށް ދުނިޔޭގެ ހުރިހާ ގުޅުންތައް ބުރި ބުރި ކުރަމުންދާ ސުނާމީއެއް."
އަބްދުﷲ ޝާހިދު

ކޮވިޑް ވައިރަސް ސުނާމީއެއްގެ ގޮތުގައި ސިފަ ކުރައްވަމުން ޝާހިދު ވިދާޅުވީ، މިއަދު ހަމަލާ ދެމުން މިދާ ސުނާމީ އަކީ ކުދިކުދި ވައިރަސް ތަކެއްގެ ސިފައިގައި އަޅުގަނޑުމެންގެ މުޅި މުޖުތަމައުއަށް ހަމަލާދެމުން ދާ ސުނާމީއެއް ކަމަށެވެ. މުޅި ދުނިޔެ ފަނާކުރަމުން، މުޅި ދުނިޔޭގެ ހުރިހާ ބޯޑަރުތައް ބަންދުކޮށް ދުނިޔޭގެ ހުރިހާ ގުޅުންތައް ބުރި ބުރި ކުރަމުންދާ ސުނާމީއެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.

އެއްބައިވަންތަ ކަމުގެ ދުވަސް ފާހަގަ ކުރަން ފޮރިން މިނިސްޓްރީން ބޭއްވި ހަރަކާތުގައި ރާއްޖެގައި ތިއްބަވާ ބޭރު ގައުމު ތަކުގެ އިއްޒަތްތެރިންނާއެކު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

އަދި މިކަމުން އަރައިގަތުމަށް ވެސް ދިވެހި ހިދުމަތްތެރިން ދައްކަމުންދާ ހިތްވަރާއި އެއްބައިވަންތަ ކަމަކީ ޝުކުރުވެރި ކަމާއެކު ފާހަގަ ކޮށްލަން ޖެހޭ ހިދުމަތްތަކެއް ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ދިވެހި ރާއްޖޭގެ ރައްޔިތުން ދައްކަވަމުން ގެންދަވާ ވަރުގަދަ ހިތްވަރާއި، އެކުވެރިކަމަށްޓަކައި ފަހުރުވެރިވެވަޑައިގަންނަވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޝާހިދު ވަނީ ސުނާމީ ހާދިސާގައި އާއި ކޮވިޑްގެ ނުރައްކާތެރި ހާލަތުގައި ވެސް ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންދާ ބައިނަލް އަގުވާމީ ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ. އަދި ރާއްޖެއަށް މިފަދަ ހިތްދަތި ކަމުން އަރައި ގަތުމަށް ލިބުނު ބޭރުގެ އެހީތެރި ކަމަކީ އަބަދުވެސް ދީލަތި ކަމާއެކު ލިބެމުންދާ އެހީތަކެއްކަމަށް މިނިސްޓަރު ޝާހިދު ފާހަގަކުރެއްވިއެވެ.

ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރަނީ، ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގެ ހަނދާން އާކޮށް، ދިވެހިން އެދުވަހު ދެއްކި އެއްބައިވަންތަކަމުގެ ރީތި ނަމޫނާގެ ހަނދާން އާކުރާ ދުވަހުގެ ގޮތުގައެވެ.

ޑިސެމްބަރު 26، 2004 ވަނަ ދުވަހު އިންޑޮނޭޝިއާގެ ސުމަޓްރާއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން އުފެދުނު ބިޔަ ރާޅާ އެކު ރާއްޖެއަށް ސުނާމީގެ ރާޅުތައް އެރީ އެދުވަހުގެ ހެނދުނު 9:20 ގައެވެ. އަދިވެސް ސުނާމީ ކާރިސާގެ ހަނދާންތައް ދިވެހިންގެ ހިތުން ފިލައިގެނެނެއް ނުދެއެވެ.