ޔޫކޭ އިން ފެނިފައިވާ ކޮވިޑް ވޭރިއެންޓް ރާއްޖޭގައި ފުތެރުން ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް މަޝްވަރާ ކުރަން ފަށައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްއީއޯސީ) އިން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްއޯސީގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވީ، ޔޫކޭއިން ފެނިފައިވާ ކޮވިޑްގެ ވޭރިއަންޓާ ގުޅިގެން ރިސްކް އެސެސްމަންޓެއް ހަދައި އަޅަންވީ ފިޔަވަޅުތަކާ ގުޅޭ ގޮތުން އެކި ފަރާތްތަކާ އެކު މަޝްވަރާތައް ކުރެވެމުންދާ ކަަމަށެވެ.
ބަލި ފެތުރުން ކޯންޓްރޯލް ކުރުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަ ކުރައްވަމުން ނަޒްލާ ވިދާޅުވީ، އޭރުން އެ ވައިރަސްގެ ތަފާތު ވައްތަރުތައް އުފަން ވުމާއި އެ ތަފާތު ވައްތަރުތައް މީހުންނަށް ޖެހުން ކުޑަކުރެވޭނެ ކަމަށެވެ. އެގޮތުން އާންމުކޮށް އަޅާނެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަކީ މުހިއްމު ކަމެއް ކަމަށް ނަޒްލާ ވިދާޅުވިއެވެ.
ނަޒްލާ ވިދާޅުވީ، ޔޫކޭ ވޭރިއަންޓާ ގުޅިގެން ފިޔަވަޅުތައް އަޅަން މަޝްވަރާ ކުރާއިރު، ގައި ދުރު ކުރުމާއި މާސްކް އެޅުމާއި ގިނައިން އަތް ދޮވުމަށް ސަމާލުވާން ޖެހޭ ކަމަށެވެ. އަދި މި ކަންކަން އެކި ހާލަތްތަކުގައި އެކި ތަންތަނުގައި ކުރަންޖެހޭ ގޮތުގެ އުސޫލެއް ތައްޔަރުކުރާނެ ކަމަށެވެ. އެންމެ ބޮޑު އިސްކަމެއް ދޭނީ ޓޫރިސްޓުންނަށް ހިދުމަތްދޭ ތަންތަނަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ރިސޯޓްތަކާއި ސަފާރީތަކާއި ގެސްޓް ހައުސްތަކާއި އެއާޕޯޓް އަދި ޓޫރިސްޓުންނަށް ހިދުމަތްދޭ އެހެނިހެން ތަންތަނުގެ ތެރެއިން ޑައިވިން ސެންޓަރުތަކާއި ސްވެނިއާ ޝޮޕްތައް ނަޒްލާ ފާހަގަ ކުރެއްވިއެވެ.
މިތަންތަނުގައި ހިދުމަމަތް ދިނުމުގައި އާންމުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އެ ފިޔަވަޅުތައް އެތަންތަނުގައި ދަމަހައްޓާތޯ ބަލައި މޮނިޓާ ކުރުމަކީ ވެސް ވަރަށް މުހިއްމު ކަމެއްގެ ކަމުގައި ނަޒްލާ ވިދާޅުވިއެވެ. ރިސޯޓުތައް ހުޅުވި އިރު އެކުލަވާލާފައިވާ އާންމު އުސޫލުގެ ތެރޭގައި ކޮންމެ ރިސޯޓެއްގައި ވެސް ޓާސްކް ފޯހެއް އޮންނަން ވާނެ ކަމަށާއި އެ ޓާސްކް ފޯހުން އެ ރިސޯޓެއްގައި އަމަލު ކުރަންޖެހޭ ގައިޑްލައިންާ އެއްގޮތަށް އަމަލުކުރަމުން ދޭތޯ ބަލައި މޮނިޓާ ކުރުމަކީ ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި ނަޒްލާ ފާހަގަ ކުރެއްވިއެވެ.
ކޮވިޑްގެ ވޭރިއަންޓެއް ޔޫކޭ އިން ފެނިފައި މިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގައެވެ. އަދި ސައުތް އެފްރިކާއިން އިތުރު ވޭރިއަންޓެއް ފެނިފައިވާ ކަމަށާއި އަދި ނައިޖީރިއާއިން ތަފާތު ވޭރިއަންޓެއް މި ހަފްތާ ތެރޭގައި ފެނިފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.