ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް ބަޓްލާ އެކަޑަމީ އާ ދެމެދު ބަޓްލަރުން ތަމްރީން ކުރުމުގެ އެމްއޯޔޫ އެއްގައި މިއަދު ސޮއިކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ އެ މިނިސްޓްރީގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ ޑިރެކްޓާ އަދި އެކްޓިން ޕާމަނަންޓް ސެކްރެޓަރީ އަލީ ޝިނާން ކަމަށެވެ. އަދި މޯލްޑިވްސް ބަޓްލާ އެކަޑަމީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ މުހައްމަދު ޔަމާނީ ކަމަށެވެ.

މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން މޯލްޑިވްސް ބަޓްލާ އެކަޑަމީގެ ސެޓްފިކެޓް އެންޑޯސް ކޮށްދޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މި އެއްބަސްވުމުގެ ދަށުން ބަޓްލަރުން ތަމްރީނު ކުރުމާއި ގުޅޭ ކަންތައްތަކުގައި ޓޫރިޒަމް މިނިސްޓްރީއަށް މޯލްޑިވްސް ބަޓްލާ އެކަޑަމީގެ އެހީތެރިކަން ފޯރުކޮށް ދިނުމާއި ރާއްޖޭގެ ބަޓްލާ ޓްރެއިނިން ކޯސް ހިންގުމާއި ޓޫރިޒަމް މިނިސްޓްރީއާއި ގުޅިގެން ބަޓްލަާ ޕްރޮފެޝަންއަށް ދިވެހިންގެ ޝައުގުވެރިކަން އިތުރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި އެމްއޯޔޫ ގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބަޓްލާ ޓްރެއިނިން ޕްރޮގްރާމަކީ ރާއްޖެއަށް ވަރަށް މުހިއްމު ޕްރޮގްރާމެއް ކަމުގައި ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ބަޓްލާ ވަޒީފާއަކީ ހުނަރުވެރި، ރަނގަޅު އާމްދަނީއެއް ލިބޭ ވަޒީފާއަކަށް ވާތީވެ، އެކަމަށް ގިނަ ދިވެހިން ކުރިމަތި ލާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.