ހަތަރު ރަށެއްގައި ރިސޯޓް ހަދަން ދޫކުރަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ހަތަރު ރަށެއް ރިސޯޓު ހަދަން މިމަހު 27 ވަނަ ދުވަހު ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން އެ ހަތަރު ރަށަކީ ހަތަރު އަތޮޅެއްގައި ހިމެނޭ ރަށްތަކެއް ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ. މިނިސްޓްރީން ބުނީ އެރަށްތަކުގެ އިތުރު ތަފްސީލު މިމަހު 27 ވާ އާދިއްތަ ދުވަހު ދޭނެ ކަމަށެވެ.
ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު އެފުށް މިފުށަށް ޖެހިގެން ދިޔުމަށްފަހުން އަލުން އަނބުރާ ކޮޅަށް ޖެހުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން، މިހާތަނަށް 138 ރިސޯޓާއި 178 ހޮޓެލް އަދި ގެސްޓްހައުސްގެ އިތުރުން 129 ސަފާރީ އޮޕަރޭޓް ކުރަމުން އެބަދެއެވެ. އެއީ 38645 އެނދެކެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ބޯޑަރު ހުޅުވިފަހުން މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް 132،803 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އަދި މިއަހަރުގެ މިހާތަނަށް ޖުމްލަ 515،650 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމާއެކު މާޗު 27 އިން ފެށިގެން ޖުލައި 15 އާއި ހަމައަށް ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު ހުޅުވާލީ ޖުލައި 15 ގައިއެވެ. ބޯޑަރު ހުޅުވާލިފަހުން އެއްލައްކަ ފަތުރުވެރިޔާ ރާއްޖެ އައީ މިމަހުގެ 12 ވަނަ ދުވަހެވެ. އަދި ފަސް ލައްކަ ވަނަ ފަތުރުވެރިޔާ އައިސްފައިވަނީ މިމަހު 17 ވަނަ ދުވަހުއެވެ.
ޓޫރިސްޓުން އަންނަ އަދަދު މަތިވަމުންދާ އިރު، ބޯޑަރު ހުޅުވި ޖުލައި މަހު ދުވާލެއްގެ މައްޗަށް އައިސްފައި ވަނީ 100 މީހުންނެވެ. ނަމަވެސް މިހާރު އެވްރެޖު ގޮތެއްގައި 1,690 މީހުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބު ތަކުން ދައްކައެވެ.