އިދިކޮޅު ކޯލިޝަނުން މާލޭގައި ބާއްވަން ނިންމާފައިވާ "ވިސްނާ" ޖަލްސާ ކާނިވާ ސަރަހައްދުގައި ބާއްވަން އެޗްޕީއޭއިން ހުއްދަ ދީފިއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވީ، އަންނަ ހޮނިހިރު ދުވަހު އެ ކޯލިޝަނުން ކާނިވަލުގައި ޖަލްސާ ބޭއްވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހުއްދަ ދީފައިވާ ކަމަށެވެ.

ހޮނިހިރު ދުވަހުގެ ރޭ 8:30 ގައި އެ ކޯލިޝަނުން ބާއްވަން ނިންމާފައިވާ ޖަލްސާގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ޝުޖާއު ގޮވާލެއްވިއެވެ. އެ ޖަލްސާ ބާއްވަނީ ގައުމަށް ދިމާވެފައިވާ މައްސަލަތަކުގެ އިތުރަށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން ކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި އެ ޖަލްސާގައި ހައިރާން ކުރަނިވި ކަންތައްތަކެއް ވެސް ފެންނާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ. އަންނަ ހޮނިހިރު ދުވަހު އިދިކޮޅުން ބާއްވާ އެ ޖަލްސާ ކުރިއަށް ދާނީ ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅެއް ކަމަށްވާ ގައިދުރުކަން އިސްކޮށްގެން ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.

މާލޭ ސަރަހައްދުގައި "ވިސްނާ" ނަމުގައި އިދިކޮޅޫން ޖަލްސާއެއް ބާއްވަން ނިންމާފައި ވަނިކޮށް އެ ޖަލްސާއާ ގުޅިގެން ލީޑަޝިޕްގެ ބޭފުޅުން މިއަދު ހަވީރު 3:00 ގައި ފުލުހަށް ހާޒިރުވުމަށް އަންގާފައިވާ ކަމަށް ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ ވިދާޅުވެފައެވެ. އެެހެންކަމުން އިދިކޮޅުގެ 4 ބޭފުޅުން ފުލުހަށް ހާޒިރުވާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އެޗްޕީއޭ އިން އިދިކޮޅުން ޖަލްސާއެއް ބާއްވަން މިފަހަރު ހުއްދަ ދީފައި ވާއިރު، މީގެ ކުރިންވެސް ކާނިވަލުގައި ޖަލްސާއެއް ބާއްވަން އެޗްޕީއޭގެ ހުއްދައަށް އިދިކޮޅުން ވަނީ އެދިފައެވެ. ނަމަވެސް އެ ދުވަސްވަރު ކޮވިޑްގެ ކޭސްތައް އިތުރުވާތީ އެޗްޕީއޭ އިން ވަނީ ވާޗުއަލްކޮށް އެ ރަސްމިއްޔާތު ކުރިއަށް ގެންދިއުމަށް އެދި ކާނިވަލުގައި ޖަލްސާ ނުބާއްވަން ބުނެފައެވެ.