ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަދު 13 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 7 މީހަކާއި، މީހުން ދިރިއުޅޭ ރަށްތަކުގައި ކަރަންޓީނު ވި މީހުންގެ ތެރެއިން މީހަކާއި، ރިސޯޓްތަކުން 5 މީހެކެވެ. މިއަދު 13 މީހަކު ޕޮޒިޓިވްވީ ނެގި 2455 ސާމްޕަލްގެ ތެރެއިންނެވެ.

މިއާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 13537 އަށް އަރާފައެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދު 12983 އަށް އަރާފައި ވާއިރު މި ބަލީގައި ނިޔާވީ 48 މީހެކެވެ. މި ބައްޔަށް ޕޮޒިޓިވް ވެފައި ވަނިކޮށް ނިޔާވި 7 މީހަކީ މި ބަލީގައި ނިޔާވި މީހުން ނޫން ކަމަށް ވަނީ ނިންމާފައެވެ.

މި ވަގުތު ކޮވިޑަށް ޕޮޒިޓިވް 499 މީހަކު ރާއްޖޭގައި އުޅޭއިރު، އޭގެ ތެރެއިން 39 މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ދާދި ފަހުން އެޗްޕީއޭއިން ވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ބަދަލު ގެނެސްފައެވެ. އެ ބަދަލުތަކުގެ ތެރޭގައި ނެގެޓިވް ޕީސީއާރް ޓެސްޓަކާއެކު ރާއްޖެއިން ބޭރުން އައުމަށްފަހު މާލެ ސަރަހައްދުގައި ކަރަންޓީނު ވާން ނުޖެހޭ ގޮތަށް އުސޫލު ވަނީ ބަދަލު ކޮށްފައެވެ.

މި ބަދަލާއެކު، ރާއްޖެއިން ބޭރުން އައުމަށްފަހު މާލެ ސަރަހައްދުގައި ކަރަންޓީނު ވެގެން ތިބި ފަރާތްތައް ވަގުތުން ޓެސްޓު ކުރުމަށްފަހު ދޫކޮށްލުމަށް ވަނީ ނިންމާފައެވެ. އެގޮތުން އެފަދަ ފަރާތްތަކުގެ ޓެސްޓު ހެއްދުމުގެ އިންތިޒާމު ހަމަޖެއްސުމަށްފަހު އަންގާނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މިގެ އިތުރުން ވެސް މިއަދު އެޗްޕީއޭއިން ވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ އިތުރު ފިޔަވަޅުތަކަށް ބަދަލު ގެނެސްފައެވެ. އޭގެ ތެރޭގައި، މުހިންމު މަސައްކަތެއްގައި ރަށްރަށަށް ދަތުރު ކުރާއިރު، ޕީސީއާރް ޓެސްޓު ހައްދަން ނުޖެހުމާއި، ދިވެހިންނާއި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް 72 ގަޑިއިރު ނުވާ ޕީސީއާރް ޓެސްޓުގެ ނަތީޖާއާއެކު ރިސޯޓްތަކަށް ދަތުރު ކުރެވޭ ގޮތަށް ވަނީ އުސޫލު ބަދަލުކޮށްފައެވެ.