ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމަށް މަރިޔަމް ހާލިދާ އަދި ސްޓޭޓު މިނިސްޓަރުކަމަށް އަހްމަދު އާދިލް އައްޔަން ކޮށްފިއެވެ.
ރައީސް އޮފީހުން ބުނީ ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމަށް މަރިޔަމް ހާލިދާ އަދި ސްޓޭޓު މިނިސްޓަރުކަމަށް އަހްމަދު އާދިލް އައްޔަންކުރެއްވީ މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ކަމަށެވެ.
ޑެޕިއުޓީ މިނިސްޓަރު ކަމަށް އައްޔަންކޮށްފައިވާ ހާލިދާ ވަނީ މާލީ ދާއިރާގައި މަސައްކަތްކުރައްވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިސް މަގާމުތައް އަދާކުރައްވާފައެވެ. އަދި އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށްޓަކާ އެކުލަވާލި އެޑްވައިޒަރީ ބޯޑުގެ ޗެއާކަން ކުރައްވާފައެވެ. ހާލިދާއަކީ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރުގެ އަނބިކަނބަލުން ވެސް މެއެވެ.
ހެލްތު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުކަމަށް އައްޔަނުކުރެއްވި އަހްމަދު އާދިލް މީގެ ކުރިން ހުންނެވީ ޓްރާންސްޕޯޓު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރެއްގެ މަގާމުގައެވެ.
މައުލޫމާތު ލިބިފައިވާގޮތުން ހެލްތު މިނިސްޓްރީން ވެންޓިލޭޓަރުތަކެއް ގެނައުމުގެ ތެރެއިން ފެންމަތިވި ކޮރަޕްޝަނުގެ މައްސަލަތަކެއްގައި ހެލްތު މިނިސްޓްރީގެ ވެރިންތަކެއް ސަސްޕެންޝަނުގައި ހުންނެވި ދުވަސްވަރުން ފެށިގެން އާދިލް ވަގުތީ ގޮތުން ހެލްތު މިނިސްޓްރީގައި މަސައްކަތް ކުރައްވަމުން ގެންދެވިއެވެ.