ކޮރަޕްޝަންގެ ތުހުމަތު ސާބިތު ނުކުރެވުމުން މަނީ ލޯންޑަރިންގެ ތުހުމަތު އެޅުވީ އޭނާގެ އަބުރު ކަތިލަން ކަމަށާއި މިއީ ބަޔަކު ސިޔާސީ ބޭނުމެއްގައި ކުރި ކަމެއް ކަމަށް މޯލްޑިވް ގޭހުގެ މެނޭޖިންގް ޑިރެކްޓަރު ޝަޒައިލް ޝިޔާމް ވިދާޅުވެޖެއެވެ.
ޝަޒައިލް މިހެން ވިދާޅުވީ، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގެ މައްސަލަތަކެއް ފާހަގަވެ އެކަން މިހާރު ފުލުހަށް ހުށަހަޅައިފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީއިން ބުނުމާ ގުޅިގެންނެވެ.
ޝަޒައިލް ވިދާޅުވީ، މަނީލޯންޑަރިންގެ ތުހުމަތެއް ބޮލުގާ އެޅުވުމަކީ ތާކުންތާކު ނުޖެހޭ އަދި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ހަމައެއާއެކު އޭނާއަށް ކުރެވޭ ތުހުމަތުތަކަކީ ވަކި ބައެއްގެ ސިޔާސީ މަންފާއަކަށް އޭނާގެ އަބުރު ކަތިލަން ކުރާ ތުހުމަތުތަކެއްގެ ގޮތުގައި ޝަޒައިލް ސިފަކުރައްވައެވެ. އަދި އެ ތުހުމަތުތަކަށް ސާބިތުކަމާއެކު ކުރިމަތިލައްވާނެ ކަމަށް ޝަޒައިލް ވިދާޅުވިއެވެ.
ޝަޒައިލްގެ މައްޗަށް ތުހުމަތު ކުރެވޭ ރިޝަވަތުގެ މައްސަލައަކާއި މުވައްޒަފުން ނެގުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކުރި މައްސަލައެއް އޭސީން ބަލައި ތަހުގީގު ކުރި އިރު އެފަދަ މައްސަލައެއް ސާބިތު ނުކުރެވޭ ކަމަށް އޭސީސީން ވަނީ ބުނެފައެވެ. ނަމަވެސް އެ ތަހުގީގު ފެނުނު ހެއްކިތަކުން އޭނާގެ މައްޗަށް މަނީ ލޯންޑަރިން ކުރި ކަމަށް ބެލެވޭތީ އެކަން ތަހުގީގު ކޮށްދިނުމަށް އޭސީސީން ވަނީ ފުލުހުނަށް އެދި ހުށަހަޅާފައެވެ.
ކުރީން ޝަޒައިލްގެ މައްޗަށް ރިޝްވަތާއި ކޮރަޕްޝަންގެ ތުހުމަތަކެއް އޮތުމުން އެކަމާ ގުޅިގެން އޭނާ ސަސްޕެންޝަންގައި ހުންނަތާ އަހަރެއްހާ ދުވަސް ވެއްޖެއެވެ. އޭނާ ސަސްޕެންޑް ކުރީ ސަރުކާރުގެ "ޒީރޯ ޓޮލަރެންސް ޓު ދަ ކޮރަޕްޝަން" ސިޔާސަތުގެ ދަށުންނެވެ. މި ކަމާ ގުޅިގެން ރައްޔިތުން މަޖިލީހުގެ އެސްއޯއީ ކޮމިޓީން ބަލައި ވަނީ ރިޕޯޓެއް އެކުލަވާލާފައެވެ.
އެ ރިޕޯޓްގައި ވާ ގޮތުން އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަ ކޮށްފައި ވަނީ އެ ކުންފުނިން ވިއްކަން ގެންނަ ގޭހުގެ އަގު ބޮޑުވުމުވެ. އެގޮތުން ކޮންމެ ޝިޕްމަންޓަކުން އެވްރެޖްކޮށް 45 އާއި 60 ޕަސެންޓް ގޭސް ޑެލިވަރީ ކުރުމަށް ޕްރިމިއަމްގެ ގޮތުގައި ހިމަނާފައި ވާއިރު 2016 އާއި 2017 ވަނަ އަހަރު މާކެޓުގައި ގޭހުގެ އަގު ދަށްވެފައި ވަނިކޮށް މޯލްޑިވް ގޭހުން ގޭސް ގަންނަ އަގު 65 އާއި 99 ޕަސެންޓް ބޮޑުކޮށްފައިވާ ކަން ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން ހަމަ އެ އަހަރުގެ ތެރޭގައި ގޭހުގެ ޕްރިމިއަމް އަގު ކޮންމެ ޓަނަކަށް 250 އާއި 285 ޑޮލަރުގައި ހުރިކަން ވަނީ ފާހަގަކޮށްފައެވެ.
ރިޕޯޓުގައިވާ ގޮތުން މޯލްޑިވް ގޭހަށް ގޭސް ފޮނުވައިދޭ ކުންފުނިން ގޭސް ގަތުން ހުއްޓާލި ފަހުން ކޮންމެ ޝިޕްމަންޓަކުން 157 ޑޮލަރު އަގު ވަނީ ހެޔޮވެފައެވެ. އަދި 2017 ވަނަ އަހަރުން ފެށިގެން މޯލްޑިވް ގޭހުގެ ކޮންމެ ޝިޕްމަންޓަކަށް އެވްރެޖުކޮށް 130،000 ޑޮލަރު އިތުރުކަން ވެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
މަނީ ލޯންޑަރިންގެ ތުހުމަތަކީ ސީޔާސީ ތުހުމަތުތަކެއް ކަމަށް ޝަޒައިލް ވިދާޅުވާއިރު، އޭނާއަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާގެ އިތުރުން މިނިސްޓްރީ އޮފް ޓޫރިޒަމްގެ ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމް އަދާ ކުރެއްވި ބޭފުޅެކެވެ. އަދި އޭނާ މި ސަރުކާރުގެ ވެރިކަމުގައި މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު ކަމާ ހަވާލުވީ އެމްއާރުއެމްގެ ސްލޮޓެއްގައެވެ. މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޝަޒައިލް ޝިޔާމް އައްޔަން ކުރައްވާފައި ވަނީ 2019 ވަނަ އަހަރުގެ ކުރީ ކޮޅެވެ.