ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން، އަންހެންކުދިންނަށް ކޯޑިން ދަސްކޮށްދޭ ޕްރޮގްރާމް "ގާލްސް ޓު ކޯޑް" ގެ ދެވަނަ ޕްރޮގްރާމް "ގާލްސް ޓު ކޯޑް- ތިނަދޫ" ގެ ނަމުގައި ވާޗުއަލްކޮށް ބާއްވާ ހަރަކާތަށް ރަޖިސްޓްރޭޝަންވާން ހުޅުވާލައިފިއެވެ.

ދިރާގުން ބުނީ ގދ. ތިނަދޫއަށް ހާއްސަކޮށްގެން ބާއްވާ އެ ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 10 ގައި ކަމަށެވެ.

އަންހެން ކުދިންނަށް ކޯޑްކުރަން ދަސްކޮށް ދިނުމާއި އެކުދިންގެ މެދުގައި ޓެކްނޮލޮޖީއަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގްސަދުގައި ހިންގާ އެ ޕްރޮގްރާމް ހިންގާނީ މިފަހަރު ދެ މަސް ދުވަހުގެ މުއްދަތަށް އޮންލައިންކޮށެވެ. އަދި މިޕްރޮގްރާމްގެ ބައިވެރިން އަތުން އެއްވެސް ފީއެއް ނުނަގާނެވެ.

އެ ޕްރޮގްރާމްގައި ބައިވެރި ވެވޭނީ އުމުރުން 14 އަހަރާއި 20 އަހަރާ ދެމެދުގެ އަންހެންކުދިންނަށެވެ. އެ ޕްރޮގްރާމް އަމާޒު ކުރެވިފައިވަނީ މީގެ ކުރިން އެއްވެސް ވަރަކަށް ކޯޑް ކުރުމުގެ ހުނަރު ނުވަތަ ތަޖުރިބާ ނެތް ކުދިންނަށެވެ.

އެޗްޓީއެމްއެލް އާއި ސީއެސްއެސް އަދި ޖާވާ ސްކްރިޕްޓް ބޭނުންކޮށްގެން ވެބްސައިޓް ފަރުމާކޮށް ޑިވެލޮޕްކުރަން އެ ޕްރޮގްރާމްގައި ދަސްކޮށްދޭނެއެވެ. އަދި ނަގާދޭ ފިލާވަޅުގެ އިތުރުން އަމަލީކޮށް ވެބްސައިޓްތައް ޑިވެލޮޕްވެސް ކުރެވޭނެއެވެ.

ވިމެން އިން ޓެކް މޯލްޑިވްސް ގެ ފަރާތުން މައުލޫމާތު ދިން ގޮތުގައި އަންހެން ކުދިން ޓެކްނޮލޮޖީ ދާއިރާގައި ކިޔަވައި، ހުނަރު ތަރައްގީކޮށް ދާއިރާގައި ދެމިތިބުމުގެ ނިސްބަތް މަދުކަމަށާއި، "ގާލްސް ޓު ކޯޑް" ފަދަ ޕްރޮގްރާމްތައް މެދުވެރިކޮށް އެ ދާއިރާއަށް އަންހެން ކުދިން ތައާރަފު ކުރުން ވަރަށް މުހިންމު ކަމަށެވެ. ދިރާގުން ބުނީ ޓެކްނޮލިޖީ ދާއިރާގައި ޒުވާން އަންހެން ކުދިން ބާރުވެރިކުރުވާ ޓެކްނޮލޮޖީގެ ދާއިރާއަށް ޝައުގު ވެރިކަން އިތުރު ކުރުމަކީ ދިރާގު ގެ ސީއެސްއާރު ޕްރޮގްރާމްގައި އިތުރު ހާއްޞަ އަހައްމިޔަތުކަމެއް ދެމުންދާ ދާއިރާއެކެވެ.

2019 ގައި ހިންގުނު ގާލްސް ޓު ކޯޑުގެ ފުރަތަމަ ޕްރޮގްރާމް ކުރިއަށް ގެންދިޔައީ ޏ. ފުވައްމުލަކުގައެވެ. އެ ޕްރޮގްރާމްގެ ނަތީޖާއަށް ބަލައި ރާއްޖޭގެ އެހެން ރަށްރަށުގައި ވެސް މިފަދަ އިތުރު ޕްރޮގްރާމްތައް ހިންގަން ވަނީ ރާވާފައެވެ. .

ދިރާގައި ވިމެން އިން ޓެކް މޯލްޑިވްސްއިން ވަނީ މި ޕްރޮގްރާމް ރަސްމީކޮށް 16 ޑިސެމްބަރ ގައި އިއުލާން ކޮށްފައެވެ. ގދ. ތިނަދޫއިން މި ޕްރޮގްރާމުގައި ރަޖިސްޓްރީ ވާން ބޭނުންވާ ފަރާތްތަކުން ޕްރޮގްރާމްގައި ބައިވެރިވުމުގެ ސުންގަޑިއަކީ މި މަހުގެ 25 ވަނަ ދުވަހެވެ.