މަސްވެރިން ނިކަމެތި ކޮށް އެ އާއިލާތަކަށް ތަކުލީފް ޖެއްސި ބަޔަކީ މި ސަރުކާރުގެ މައި ޕާޓީ އެމްޑީޕީ ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މަސްވެރިންގެ ޝަކުވާތަކަށް ހައްލު ހޯދައި ނުދީ މި ސަރުކާރުން ބީރުކަންފަތެއް ދީގެން ތިބިކަން ފާހަގަ ކުރައްވަމުން ރޭ ޕްރޮގެރެސިން ކޯލިޝަނުން ބޭއްވި ޖަލްސާގައި ޝިޔާމް ވިދާޅުވީ، މަސްވެރިންނަށް ރަނގަޅު އާމްދަނީއެއް ނުލިބި މިއަދު އެ އާއިލާތައް ހާލުގައި ޖެހި ތަކުލީފް އުފުލަން ޖެހިފައި ވަނީ އެމްޑީޕީގެ ސަބަބުން ކަމަށެވެ.

އިއްޔެ މަސްވެރިން މަސް ނުކިރުމުގެ ސަބަބުން ފެލިވަރު ފަޅުގައި 25 ދޯނީގެ މަސްވެރިން އިހުތިޖާޖު ކޮށްފައިވާ ކަން ފާހަގަ ކުރައްވަމުން ޝިޔާމް ވިދާޅުވީ، ކަޅުބިލަމަހުގެ މަސްވެރިން 12 ގަޑި އިރު ވަންދެން އިހުތިޖާޖު ކޮށް އަޑުއުފުލާ ހެދި އިރު އެމީހުން ޝަކުވާތައް އަޑު އިވިވަޑައިގެން ވެރިއެއް، ވަޒީރެއް އަދި ކުންފުންޏެއްގެ އިސް ބޭފުޅަކު ނެތް ކަމަށެވެ. މިއަދު މަސްވެރިންނާ މެދު މި ސަރުކާރުން ކަން ކުރަމުން އަންނަނީ ރަނގަޅަށް ނޫން ކަމަށާއި މަސްވެރިން އެދެނީ ހަމަ އަގުގައި އެމީހުން ބާނާ މަސްކޮޅު ކިރަން ކަމަށް ޝިޔާމް ވިދާލުވިއެވެ.

"އެމަނިކުފާނު (ރައީސް ސޯލިހް) އޭރު ރަށްރަށަށް ވަޑައިގެން މި ދަންނަވާހެން އެއްވެސް އަމާޒެއް ނެތި، ވިސްނުންފުޅެއް ނެތި، ތަސައްވުރެއް ނެތި ވެވަޑައިގެން ވައުދުތަކުގެ ސަބަބުން ދިވެހިރައްޔިތުންނާ ހިސާބަށް ލައްވާލައިގެން އުޅޭ ދުވަސްތަކެއް މި ދުވަސްތަކަކީ."
އަހުމަދު ޝިޔާމް

މި ސަރުކާރަށް ވެރިކަން ލިބުމުގެ ކުރިން ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރި ދުވަސްވަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެން ވައުދުތައް އާ ކުރައްވަމުން ޝިޔާމް ވިދާޅުވީ، މި ސަރުކާރު އައިތާ 2 އަހަރު ދުވަސް ވެފައިވާ އިރު އަދިވެސް މަސްވެރިންނަށް ފުއްދައިދިނުމަށް ވެވަޑައިގެން ވައުދު ފުއްދައި ނުދެވޭ ކަމަށެވެ. ޑޮލަރުން މުސާރާ ދެއްވާނެ ކަމަށް ރައީސް ސޯލިހް ވެވަޑައިގެން ވައުދު ފުއްދައި ނުދިނަސް މަސްވެރިން ބޭނުން ވަނީ ހަމަ އަގުގައި ބާނައިގެން އަންނަ މަސްކޮޅު ކިރާ ދިނުމަށެވެ.

މަސް ގަންނަ އަގު މަތި ކުރާނެ ކަމަށް ރައީސް ސޯލިހް އޭރު ވިދާޅުވި ނަމަވެސް އެކަން ނުކުރެއްވިގެން އެ އުޅުއްވަނީ މިހާރު ޔޫރަޕަށް އެކްސްޕޯޓް ކުރާ މަހަށް ޑިއުޓީ ނެގުމަށް ހަމަޖެއްސުމުން ކަން ޝިޔާމް ފާހަގަ ކުރެއްވިއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަސް ގަންނަ އަގު ބައެއް ފަހަރު މަތިވާ ކަމަށާއި އޭރު މަތީ އަގެއްގައި މަސް ގަންނަނީ ޔޫރަޕަށް މަސް އެކްސްޕޯޓް ކުރާ އިރު ޑިއުޓީއެއް ދައްކަން ނުޖެހޭތީ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ޑިއުޓީ ދައްކަން ޖެހޭ ގޮތަށް އީޔޫއިން ނިންމީ އެމްޑީޕީން އެކަމަށް އެދި އެގައުމުތަކުގައި އެދުމުން ކަމަށް ޝިޔާމް ވިދާޅުވެއެވެ.

"އަޅުގަނޑުމެންގެ ޒައާމަތުގައި 2015 ވަނަ އަހަރުވެސް ފެނުނު 100 ރުފިޔާއަށް ކަންނެލި ކިލޯއެއް ހުރިތަން. އަޅުގަނޑުމެންނަށް އެބަ އެނގެންޖެހޭ މަސްވެރިންގެ އާއިލާތަކށް ވެސް އެބަ އެނގެން ޖެހޭ. ޔޫރަޕުން ދިވެހިން ބާނާ މަސް ޔޫރަަޕަށް އެކްސްޕޯޓް ކުރާއިރުގައި ބޮޑު ސިންގަހާ ޑިއުޓީއެއް އެޅުވި ސަބަބު. އެ ޑިއުޓީ އެޅުވުމުގެ ސަބަބުން ދިވެހި މަސްވެރިންގެ އަތުން މަސްގަންނަން ކުންފުނިތަކަށް އައި މަޖުބޫރު ކަމެއް އެއީ ކުޑަ އަގެއްގަ މަސް ގަންނަން"
އަހުމަދު ޝިޔާމް

އަދި މި ވެރިކަން ފެށުނު ދުވަސްވަރު ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ދިވެހި ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމުގެ ގޮތުން، އީޔޫ ކައުންސިލްގެ އިސް ވެރިއަކު، ދިވެހިރާއްޖެއަށް ވަޑައިގެން ވަގުތު އޭނާއާ ބައްދަލުކުރައްވާ އެ ޑިއުޓީ އަނެއްކާވެސް އިޔާދަކޮށް ދެއްވުމަށް އެދިވަޑައިގެންފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި އެއީ ދިވެހި ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް ނަޝީދު ކުޅުއްވި ޑްރާމާއެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން މިހާރު މި އޮތް އެމްޑީޕީގެ ސަރުކާރަކީ ދިވެހި ރައްޔިތުންނަށް ހެޔޮ އެދޭ ބައެއް ނޫން ކަމަށް ޝިޔާމް ވިދާޅުވިއެވެ. 5 އަހަރުގެ މި ވެރިކަން ނިމިގެން ދާއިރު މި ގައުމު އަތު ނުޖެހޭ ހިސާބަށް ގެންދާނެ ކަން އެމްޑީޕީ މީހުންގެ އަމަލުތަކުން ފެނިވަޑައިގަންނަވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އިއްޔެ ފެލިވަރުގައި މަސްވެރިން މުޒާހަރާ ކޮށްފައިވަނީ ދޯނިތައް ފަޅުތެރޭގައި އަޅައިގެން ތިބެއެވެ. ފުލުހުން ސަފު ހަދައިގެން ތިއްބާ ސަފުތައް ފަޅާލައި މަސްވެރިން ފެލިވަރަށް އެރިއެވެ. އެ މުޒާހަރާގައި މަސްވެރިން ކޮށްފައިވާ ޑިމާންޑުތަކުގެ ތެރޭގައި މަހުގެ އަގު 20 ރުފިޔާ އަށް ވުރެ ދަށް ނުވާނެ ގޮތަކަށް ބެހެއްޓުމާއި ލުއި ފަސޭހަކޮށް ފެލިވަރުން އައިސް ލިބެނޭ ގޮތް ހަމަޖެއްސުމާއި މިފްކޯގެ ބެލުމުގެ ދަށަށް ކީކިމިނި ގެންގޮސް ބޭނުން ކުރަން ފެށުން އަދި ދުވަހުން ދުވަހަށް މަސް ކިރޭނެ އިންތިޒާމް ހަމަޖެއްސުން ހިމެނެއެވެ.

ފެލިވަރު ފަޅުތެރޭގައި މަސްކިރަން ގޮސްތިބި ދޯނިތައް

ފެލިވަރަށް މަސްކިރަންދާ މަސްވެރިން ގިނަ ދުވަސްތަކެއް ވަންދެން މަސްނުކިރި ކިއުގައި މަޑުކުރަން ޖެހެއެވެ. އަދި ތާޒާކޮށް މަސްތައް ބެހެއްޓުމަށް ބޭނުންވާ އައިސް ނުލިބުމުގެ ސަބަބުން މަސްކިރަން ޖެހޭ ޓޯކަން ޖެހޭ އިރު މަސްވެރިން ބާނާފައި ހުންނަ މަސްތަކުގެ ކޮލިޓީ ދަށްވެގެން އެމަސްތައް ނުކިރި އުކާލަން ޖެހޭ ފަހަރުވެސް އާދެއެވެ. މިއީ އަދި ކަޅުބިލަމަހުގެ މަސްވެިރންގެ ޝަކުވާތަކެވެ.

މީގެ އިތުރުން ބޮޑުކަންނެލީގެ މަސްވެރިން ވެސް އަންނަނީ އެ މީހުންގެ ކަނބޮޑުވުންވެސް ފާޅުކުރަމުންނެވެ. އެ ގޮތުން މި މަހުގެ 10 ވަނަ ދުވަހު ބޮޑު ކަންނެލީގެ މަސްވެރިންގެ ޔޫނިއަން އިފްތިތާހު ކުރުމަށް ކަނޑުމަތީގައި 100 އެއްހާ ދޯނި އެކުވެގެން ބޭއްވި ޖަލްސާގައި އޮޑިވެރިން ވަނީ ކަންނެލި ހަމައަގުގައި ގަތުމަށް ގޮވާލާފައެވެ. އަދި ޓޫރިޒަމް ޕްރޮމޯޓް ކުރާހެން މަސްވެރިންކަން ވެސް ޕްރޮމޯޓް ކުރުމަށާއި، ޓޫރިޒަމް އަށް ވަކިން މިނިސްޓްރީއެއް އޮތް ފަދައިން މަސްވެރިކަމަށް ވެސް ވަކި މިނިސްޓްރީއެއް ކަނޑައެޅުމަށާއި މަސްވެރިކަން ކުރިއެރުވުމަށް މަސައްކަތް ކުރުމަށް ވެސް ގޮވާލާފައި ވެއެވެ.