ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް ރެކޯޑް އަދަދުތަކުން ރިޕޯޓް ކުރަމުން އަންނަ އިނގިރޭސިވިލާތުން މި މަހު ފެނުނު ކޮރޯނާވައިރަހުގެ އާ ވޭރިއަންޓް (ވީޔޫއައި 202012/01) އިން ދިފާއުވުމަށް، އެ ކުންފުނިތަކުން ތައްޔާރު ކުރި ކޮވިޑް ވެކްސިން ފުދޭތޯ ބެލުމުގެ ތަހުލީލުތައް، ފައިޒާ އަދި މޮޑާނާ ކުންފުނިން ފަށައިފިއެވެ.
އިނގިރޭސިވިލާތުގެ އިތުރުން އެހެން ބައެއް ގައުމުތަކުންވެސް ވީޔޫއައި 202012/01 ފެނިފައި ވާ ކަން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަށަވަރުކޮށްދެއެވެ.
މޮޑާނާއިން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ، މިފަހަކަށް އައިސް އިނގިރޭސިވިލާތުން ރިޕޯޓް ކުރި ވޭރިއަންޓާ ދެކޮޅަށް އެ ކުންފުނީގެ ވެކްސިން ކާމިޔާބު ވާނެ ކަމަށް، މިހާތަނަށް ލިބިފައި ވާ މައުލޫމާތަށް ބަލާއިރު، އުއްމީދު ކުރެވޭ ކަމަށެވެ. މި އުއްމީދުގައި، ކުރިއަށް އޮތް ހަފުތާތަކުގައި އިތުރު ޓެސްޓުތައް ހަދަމުންދަނެ ކަންވެސް މޮޑާނާ ކުންފުނިން ވަނީ ހާމަކޮށްފައެވެ.
ފައިޒާ ކުންފުނިން ބުނީ، އެ ކުންފުނީގެ ވެކްސިން ތަޖުރިބާކާ ކޮށްފައިވާ މީހުންގެ ހަށިގަނޑުން ލޭގެ ސާމްޕަލް ނަގާ، އިނގިރޭސިވިލާތުން ފާހަގަވި ވީޔޫއައި 202012/01 ގެ ބާރު ކަނޑުވާލާތޯ ބަލާ، އެ ކަމާ ގުޅޭ ތަފާސް ހިސާބުތައް އެއްކުރަމުން އަންނަ ކަމަށެވެ.
އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ)ގެ ސިއްކަ ދީފައިވާ ކޮވިޑް ވެކްސިންތަކަކީ، ފައިޒާ އަދި މޮޑާނާގެ ވެކްސިންތަކެވެ.
ކަން މިހެން އޮތް އިރު، ބައެއް ތަޖުރިބާކާރުން ދަނީ، އިނގިރޭސިވިލާތުން މިމަހު އަލަށް ފެނުނު އާ ވޭރިއަންޓަކީ، ވައިރަހުގެ ބާރު ކަނޑުވާލަނިވި ބަދަލަކަށް ވެދާނެ ކަމަށް ބުނެ، ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު ޗައިނާއިން ފުރަތަމަ ފެނުނު ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2) އަކީ، މީގެ ކުރިންވެސް މިއުޓޭޓް ވެ ނުވަތަ، ބަދަލުވެ، އިތުރަށް ބާރުގަދަވެފައިވާ ވައިރަހެކެވެ. މި ބަދަލާ ދެކޮޅަށް އެ ކުންފުނިތަކުގެ ވެކްސިންތައް މިހާތަނަށް ކާމިޔާބު ހޯދާފައި ވާ ކަމަށް މޮޑާނާ އަދި ފައިޒާއިންވެސް ބުނެއެވެ.