އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލާތުގައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަންގަވާ އެންގުންތަކާ ހިލާފުވާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމުގައި އަމަލު ކުރާނެ އުސޫލު އާންމުކޮށްފިއެވެ.

އެޗްޕީއޭ އިން ބުނީ މި އުސޫލަށް ކިޔާނީ "އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަންގާ އެންގުންތަކާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" ކަމަށެވެ.

އެގޮތުން މި އުސޫލުގެ މަގުސަދަކީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ގާނޫނު 2020ގެ 44 ވަނަ މާއްދާގައި ބުނެފައިވާ ފިޔަވަޅުތައް އެޅުމުގައި އަމަލުކުރާނެ ހަމަތައް ބަޔާންކުރުން ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަންގާ އެންގުމަކަށް މީހަކު ހުރަސްއަޅައިފި ނަމަ ނުވަތަ އަމަލު ނުކޮށްފި ނަމަ އެންގުމާ ހިލާފުވާ ފުރަތަމަ ފަހަރު 1000 ރުފިޔާއިން ޖޫރިމަނާކުރާނެ ކަމަށް އެ އުސޫލުގައި ވެއެވެ. އަދި އެންގުމާ ހިލާފުވާ ދެވަނަ ފަހަރު 3500 ރުފިޔާއިން ޖޫރިމަނާކުރެވޭނެ ކަމަށާއި ތިންވަނަ ފަހަރު 7500 ރުފިޔާ އަދި ހަތަރުވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް އުސޫލުގައި ބުނެފައި ވެއެވެ.

އޭގެ އިތުރުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަންގާ އެންގުމަކަށް ގާނޫނީ ޝަހްސަކުން އަމަލު ނުކޮށްފި ނަމަ ނުވަތަ އެ އެންގުމަކާ ހިލާފުވެއްޖެ ނަމަ ފުރަތަމަ ފަހަރު 5000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް އުސޫލުގައި ވެއެވެ.

އެންގުމާ ހިލާފުވާ ދެވަނަ ފަހަރު 25000 ރުފިޔާ އަދި ތިންވަނަ ފަހަރު 50،000 ރުފިޔާ އަދި ހަތަރުވަނަ ފަހަރު 75،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް އެ އުސޫލުގައި ބުނެފައިވެއެވެ. އަދި އެންގުމާ ހިލާފުވާ ފަސްވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް އުއުސޫލުގައި ބުނެފައިވެއެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު / ފޮޓޯ: ރައީސް އޮފީސް

އެ އުސޫލުގައި ބުނީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަންގާވާ އެންގުމަކާ ހިލާފުވާ ފަރާތްތަކާމެދު އެންމެ ބޮޑު އަދަދުން ޖޫރިމަނާ ކުރުމުގެ އިހުތިޔާރު ލިބިގެންވާ ހާލަތްތަކުގެ ތެރޭގައި ނުރައްކާތެރި ބައްޔެއް ޖެހިފައިވާ މީހާ ނުވަތަ ނުރައްކާތެރި ބައްޔެއް ޖެހިފައިވާ ކަމަށް ޝައްކު ކުރެވިގެން ކަރަންޓީނު ކޮށްފައިވާ ނުވަތަ އެކަހެރިކޮށްފައިވާ މީހާ، ކަރަންޓީނުގެ އަމުރާ ނުވަތަ އެކަހެރިވުމުގެ އަމުރާ ހިލާފުވުން ހިމެނޭ ކަމަށެވެ.

އޭގެ އިތުރުން ނުރައްކާތެރި ބައްޔެއް އެ ރަށަކުން ނުވަތަ އެ ތަނަކުން ފެނުމާ ގުޅިގެން މޮނިޓަރިންގެ ހާލާތަށް ގެންނަ ރަށްރަށާއި ތަންތަނަށް ހުއްދައަކާ ނުލައި ވަދެނުކުތުމާއި ނުރައްކާތެރި ބައްޔެއް ޖެހިފައިވާ މީހާ ނުވަތަ ނުރައްކާތެރި ބައްޔެއް ޖެހިފައިވާ ކަމަށް ޝައްކުކުރެވޭ މީހާގެ މައުލޫމާތު އެނގިހުރެ ސިއްރުކުރުން އަދި ނުރައްކާތެރި ބައްޔެއް ޖެހިފައިވާ މީހާ ރާއްޖެ އެތެރެވުމަށް މަގުފަހިކޮށްދިނުން ނުވަތަ ރާއްޖެ ގެނައުން ވެސް ހިމެނޭ ކަމަށެވެ.

މި އުސޫލަށް އަމަލުކުރާނީ ކޮވިޑް-19 އާ ގުޅިގެން ދިވެހިރާއްޖޭގައި އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ނުވަތަ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ގާނޫނު 2020 ތަސްދީގުކޮށް، އެ ޤަނޫނަށް އަމަލުކުރަން ފެށުމަށް ފަހު، ކޮވިޑް-19 އާ ގުޅިގެން ދިވެހިރާއްޖޭގައި އިއުލާނު ކުރާ އެނޫން ވެސް ކުއްލި ނުރައްކަލުގެ ހާލަތެއް ނުވަތަ ކާރިސާގެ ހާލަތެއް ނިމުމަކަށް ގެންނަތާ 60 ދުވަސް ހަމަވާ ތާރިހުގެ ނިޔަލަށް ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މި އުސޫލުގެ ދަށުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅައި، އެ ފިޔަވަޅުތައްތަން ތަންފީޒު ކުރުމުގެ ކަންކަން ކުރިޔަށް ގެންދާނީ މޯލްޑިވްސް ޕޮލިސް ސާވިސްއިން ކަމަށް އުސޫލުގައި ވެއެވެ.