މި ސަރުކާރުގެ މައި ސިޔާސީ ޕާޓީ އެމްޑީޕީއާ އަލުން ގުޅިވަޑައިގަންނަވަން ތައްޔާރަށް ހުންނެވި ކަމަށް ކުރީގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.
ރީކޯ މޫސަ މިހެން ވިދާޅުވީ ރޭ ސަންގު ޓީވީގެ ހަބަރަށްފަހު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ. އެމްޑީޕީގެ ކުރީގެ ޗެއާޕާސަންކަން ކުރެއްވި ރީކޯ މޫސަ ވިދާޅުވީ، އެމްޑީޕީގެ މެންބަރަކަށް ވުމަށް އަބަދުވެސް ތައްޔާރަށް ހުންނެވި ކަމަށާއި މިވަގުތު އެދުނަސް އެޕާޓީއާ ގުޅިވަޑައިގަންނަވާނެ ކަމަށެވެ. ހަމައެއާއެކު ކުރިންވެސް އެމްޑީޕީން އޭނާ ބޭރުކޮށްލާފައިވާ ކަމަށާއި އަދި ފަހުން ޕީޕީއެމް އާއި ގުޅިވަޑައިގެން އުޅުއްވަނިކޮށް އެ ޕާޓީން ވެސް އޭނާ ބޭރުކޮށްލާފައިވާ ކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ، އަލުން އެމްޑީޕީއާ ގުޅިވަޑައިގަންނަވާނީ ޕާޓީގެ މެންބަރުން އެކަމަށް އެދިވަޑައިގަތުމުން ކަމަށެވެ.
އެމްޑީޕީއަކީ ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތުން އުފެއްދި ޕާޓީއެއް ކަމަށާއި އެމްޑީޕީއަކީ ރާއްޖޭގައި މިހާތަނަށް ދެ ފަހަރު ވެރިކަންކުރަން ފުރުސަތު ލިބިފައިވާ ހަމައެކަނި ޕާޓީ ގޮތުގައި މޫސަ ސިފަކުރެއްވިއެވެ.
މިހާރު ސިޔާސީ މައިދާނުގައި ހިނގަމުންދާ ކަންކަމަށް އަލިއަޅުއްވާލައްވަމުން މޫސަ ވިދާޅުވީ، އެމްޑީޕީގެ އެތެރޭން މިއަދު ފެނިގެންދަނީ ސަރުކާރަށް އެއްބާރުލުން ދިނުމުގެ ބަދަލުގައި ޕާޓީގެ ވަކި މީހަކަށް ބާރުތައް ހޯދައި، ޕާޓީގެ ކޮންޓްރޯލް ނެގުމަށް މަސައްކަތް ކުރަމުންދާ ތަން ކަމަށެވެ.
އެމްޑީޕީން އުފެދުނީއް ސުރެ ޕާޓީގެ ތެރޭގައި ޖެހޭ މައްސަލަތަކާއި އުފެދޭ ހިޔާލު ތަފާތުވުންތައް ހައްލުކުރަނީ ވާހަކަ ދައްކައިގެން މަޝްވަރާކޮށްގެން ކަން މޫސަ ފާހަގަކުރެއްވިއެވެ. އޭރުވެސް ވެރިކަން ކުރަމުން ދިޔައީ ކޯލިޝަނެއްގެ ތެރެއިން ކަމަށާއި، މިއަދު ވެރިކަން ކުރަމުން އަންނަ އުސޫލާއި އޭރުގެ އުސޫލާ އެއްވެސް ތަފާތެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެމްޑީޕީ ތެރެއިން ކުރިން ފެނުނު ރޫހާއި، ޖޯޝް މިއަދު އެމްޑީޕީ ތެރެއިން ނުފެންނަ ކަމަށާއި ވެރިކަން ލިބި ރައްޔިތުންނަށް ހިދުމަތެއް ކޮށްލުމަށް ލިބޭ ފުރުސަތެއްގައި ވަކި މީހެއްގެ ހައިބަތު ބޮޑު ކުރުމަށް އުޅުމަކީ ޕާޓީގެ ވެރިކަން ހިންގުމަށް ފަސޭހަވާނެ ކަމެއް ނޫން ކަމަށެވެ.
އެމްޑީޕީން ހިންގާ މި ކޯލިޝަން ސަރުކާރުގައި ހިންގާ ކަންކަމަށް ރީކޯ މޫސަ ފާޑުވިދާޅުވާއިރު، އެންމެ ބޮޑަށް އޭނާ ފާޑުވިދާޅުވަނީ ރައީސް ނަޝީދުގެ މަސައްކަތްޕުޅަށެވެ. އެ ގޮތުން އެމްޑީޕީގެ ފަރާތުން ވަޒީރުންގެ ކެބިނޭޓަށް އައްޔަންކޮށްފައިވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތްކަމަށް ވޯޓު ނަންގަވަން އުޅުއްވުމުން އެކަމަށް ރީކޯ ވަރަށް ބޮޑަށް ފާކުކިޔުއްވިއެވެ. އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ނުސީދާކޮށް ނަޝީދު ކުރިމަތި ލައްވާއި މި ސަރުކާރުގެ ގިނަ ހިދުމަތްތެރިން ގުރުބާން ކުރައްވަނީ ކަމަށާއި އެމްޑީޕީ ހާލާކު ކުރައްވަން މަސައްކަތް ނުކުރެއްވުމަށް ރީކޯ ވަނީ ގޮވާލައްވާފައެވެ.
ރީކޯ މޫސަ އަކީ ކުރިން އެމްޑީޕީގެ މެންބަރެކެވެ. އަދި އެމްޑިޕީގެ ޗެއާޕާސަންގެ މަގާމު ވެސް ފުރުއްވި ބޭފުޅެކެވެ. ނަމަވެސް އޭނާ އެމްޑީޕީގެ ޗެއާޕާސަން ކަމުގައި ހުންނެވުމަށް ފަހު އިސްތިއުފާ ދެއްވާ އޭނާ މަޑުން ހުންނެވީ، 2013 ވަނަ އިންތިހާބުން ރައީސް މުހައްމަދު ނަޝީދު ނާކާމިޔާބު ވެވަޑައިގަތުމުން ޕާޓީ ތެރޭގައި ރައީސް ނަޝީދުގެ ރަސްމީ ހައިސިއްޔަތެއް ނެތުމުން ކަމަށް ކުރިން ރީކޯ ވަނީ ވިދާޅުވެފައެވެ.