އެސްޓީއޯއިން މާލެ އުތުރު ފަރާތު، ކުރީގެ ވެސްޓް ޕާކް ހުރި ސަރަހައްދުގައި އައުޓްޑޯ ޖިމަކާއި ބަސް ސްޓޮޕެއް ހުޅުވައިފިއެވެ.

އެ ތަން ހުޅުވައިދެއްވީ އެސްޓީއޯއަށް 56 އަހަރު ފުރުމުގެ ރަސްމިއްޔާތުގައި ނައިބް ރައީސް ފައިސްލަ ނަސީމެވެ.

އެ ހަފްލާގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ޕަބްލިކް ޓްރާންސްޕޯޓު އިތުރަށް ފުޅާކުރުމަކީ، ވައިގެ މަގުންނާއި ކަނޑުގެ މަގުންނާއި އެއްގަމު ދަތުރުފަތުރުގެ ނިޒާމު ވަރުގަދަ ކުރުމަކީ ސަރުކާރުން ވަރަށް ހާއްސަ ސަމާލުކަމެއް ދީގެން ކުރާ މަސައްކަތެއް ކަމަށެވެ. އެގޮތުން މިއަދު އާ ބަސް ރޫޓެއް އިތުރުވެގެން ދާއިރު، އޭގެ ފަސޭހަކަން މުޅި މާލޭގައި، ވަކިން ހާއްސަކޮށް މާފަންނުގައި ދިރިއުޅޭ ފަރާތްތަކަށް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

މާލެ އުތުރު ފަރާތުގެ ވެސްޓް ޕާކު ސަރަހައްދުގައި ހުޅުވި އައުޓްޑޯ ޖިމް ހުޅުވުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: އެސްޓީއޯ

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ދެއްކެވި ވާހަކާގައި ވިދާޅުވީ އައުޓްޑޯ ޖިމް ޕާކާއި ބަސް ޓާމިނަލްގެ މަސައްކަތް ކުރުމުގައި ނައިބު ރައީސް ފައިސަލް ނަސީމާއި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު ލަފަޔާއި އިރުޝާދު ދެއްވި ކަމަށެވެ. އަދި އެތަންތަން ފުރިހަމަކަމާއެކު ތަރައްގީ ކުރުކަމަށްޓަކައި އާރުޑީސީއާއި އެސްޓީއޯގެ މުވައްޒަފުން ކުރި ބުރަ މަސައްކަތަށް ޝުކުރު އަދާކުރެއްވިއެވެ.

މާލެ އުތުރު ފަރާތު ވެސްޓް ޕާކު ސަރަހައްދުގައި ހުޅުވި ބަސް ޓާމިނަލް / ފޮޓޯ: ދަ ޕްރެސް

އެ ހަފްލާގައި ވާހަކަ ދައްކަވަމުން މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ މިވީ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ޕާކިންގެ ގޮތުގައި އެތައް ޖާގަ ހެދިފައިވާ ކަމަށެވެ. މާލޭގެ އެކި ސަރަހައްދުގައި 8000 އަށް ވުރެ ގިނަ ޕާކިން ޖާގަ ހެދިފައި ވާކަމަށް ޝިފާ ވިދާޅުވިއެވެ.

އަލަށް ހުޅުވި ޖިމް ޕާކު ސަރަހައްދާއި ބަސް ޓާމިނަލް ކައިރީގައި ސައިކަލު ޕާކު ކުރެވޭނެ ޖާގައެއްވެސް ވަނީ ތަރައްގީ ކޮށްފަ އެވެ.