ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނަ މިދަނޑިވަޅުގައި ފަތުރުވެރިންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލު ވުމަށް ޓޫރިޒަމް މިނިސްޓްރީން އިލްތިމާސް ކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ޓޫރިސްޓް ހިދުމަތް ދޭ ތަންތަނުގައި ގާއިމު ކޮށްފައިވާ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭ އެކްޝަން ޕްލޭންތައް ބޭނުން ޖެހިއްޖެ ހާލަތެއްގައި ތަންފީޒު ކުރެވޭނެކަން ކަށަވަރު ކުރުމަށާއި ފަތުރުވެރިންނާއި މުވައްޒަފުން މޫދުގައި އުޅޭ އުޅުމުގައި ސަލާމަތާއި ރައްކާތެރިކަމަށް އިތުރަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށް ޓޫރިސްޓް ހިދުމަތްދޭ ތަންތަނަށް ސާކިއުލާއެއް ފޮނުވާފައިވާ ކަމަށެވެ.
އޭގެ އިތުރުން ކޮވިޑް 19 އާއި ގުޅިގެން އެޗްޕީއޭ އާއި ޓޫރިޒަމް މިނިސްޓްރީން އެކަށައަޅާފައިވާ ޕްރޮޓޮކޯލް ތަކާއި ގައިޑްލައިންތައް ފުރިހަމައަށް ތަންފީޒު ކުރުމަށް ހާއްސަ އަހައްމިއްޔަތު ކަމެއް ދިނުމަށް ވެސް މިނިސްޓްރީން ވަނ އިލްތިމާސްކޮށްފައިވެއެވެ.
މިނިސްޓްރީން ފޮނުވި ސާކިއުލާގައި ތަފާތު ގޮންޖެހުންތަކާއި އެކުވެސް ފަތުރުވެރިކަމުގެ ސިނާއަތު ކުރިއަރުވާ އާރޯކުރުމަށް ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނުން ކުރަމުންގެންދާ މަސައްކަތަށާއި ދޭ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމާއެކު މާޗު 27 އިން ފެށިގެން ޖުލައި 15 އާއި ހަމައަށް ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު ހުޅުވާލީ ޖުލައި 15 ގައިއެވެ.
ޓޫރިސްޓުން އަންނަ އަދަދު މަތިވަމުންދާ އިރު، ބޯޑަރު ހުޅުވި ޖުލައި މަހު ދުވާލެއްގެ މައްޗަށް އައިސްފައި ވަނީ 100 މީހުންނެވެ. ނަމަވެސް މިހާރު އެވްރެޖު ގޮތެއްގައި 1,690 މީހުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބު ތަކުން ދައްކައެވެ.