ރާއްޖޭގައި ނަރުހުން ތަމްރީނުކުރުމުގައި ދިމާވާ ދަތިތަކާއި ނަރުހުން ވަޒީފާގެ މާހައުލުގައި ދެމެހެއްޓުމުގައި ދިމާވާ ގޮންޖެހުންތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ކަމާގުޅޭ އިދާރާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާ މަޝްވަރާ ކުރައްވައިފިއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ ނާސިންގް ކައުންސިލަށް އަލަށް ހޮވުނު މެންބަރުންނަށް މަރުހަބާ ވިދާޅުވެފައެވެ.
ނައިބު ވިދާޅުވި ގޮތުގައި ސިއްހީ ދާއިރާ އިތުރަށް ހަރުދަނާކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހާއްސަ އިސްކަމެއް ދެއްވާ ކަމެއް ކަމަށާއި ކޯވިޑް-19 ގެ ހާލަތުން އެކަނި ވެސް ސިއްހީ ދާއިރާއިން މީހުން ބިނާކުރުމުގެ މުހިންމުކަން އިތުރަށް ފާހަގަވެގެން ހިނގައްޖެއެވެ.
ރައީސް އޮފީހުން ބުނީ މިއަދުގެ ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި ނަރުހުން ތަމްރީނުކުރުމުގައި ދިމާވާ ދަތިތަކާއި ތަމްރީނުތައް ފުރިހަމަކުރުމަށްފަހު ވަޒީފާގެ މާހައުލަށް ނުކުންނަ ނަރުހުންގެ އަދަދު މަދުކަން ބައްދަލުވުމުގެ ބައިވެރިން ފާހަގަކޮށްފައިވާ ކަމަށެވެ.
އޭގެ އިތުރުން ނާސިންގް ކޯހަށް ދަރިވަރުން ލިބޭ ކަމަށާއި ނަމަވެސް ކޯސް ފުރިހަމަ ކުރުމަށްފަހު ވަޒީފާގެ މާހާއުލަށް ނުކުންނަ މީހުންގެ އަދަދު ދިރާސާތައް ދައްކާގޮތުން މަދުވާ ކަމަށް ބެލެވޭ މައިގަނޑު ސަބަބަކީ ދިވެހިންނާ ބިދޭސީންގެ މުސާރައާއި އެލަވަންސްތަކުގެ ފަރަގު އިތުރުވުން ކަމަށް އެބައްދަލުވުމުގައި ވަނީ ފާހަގަކޮށްފައިވާ ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
މި ބައްދަވުމުގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވަނީ ރާއްޖޭގައި ސިޒޭރިންގެ ހަދާ އަދަދު ގިނަ ކަން ފާހަގަކުރައްވާ ނާސިން ކޯސް ފުރިހަމަކުރުމުގައި މިޑްވައިފެރީ ކޮމްޕޯނެންޓް ކުރިއެކޭ އެއްގޮތަށް ލާޒިމްކުރުމާއި ބެހޭގޮތުން ވެސް މަޝްވަރާކުރައްވާފައެވެ. އަދި މިކަން ހައްލުކުރުމަށް ސަރުކާރާއި ކަމާގުޅޭ އިދާރާތަކުން ކުރެވިދާނެ ކަންކަމުގެ މައްޗަށް އަލި އަޅުވާލައްވާފައެވެ.
މި ބައްދަލުވުމުގައި ހެލްތް މިނިސްޓާ އަހުމަދު ނަސީމާއި މިނިސްޓާ އޮފް ހަޔާ އެޑިއުކޭޝަން ޑރ. އިބްރާހީމް ހަސަނާއި ރައީސް އޮފީހުގެ ސްޕެޝަލް އެޑްވައިޒާ އޮން ސޯޝަލް ޕޮލިސީ ޑރ. މުސްތަފާ ލުތުފީ އަދި ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ އާއިޝަތު ނަޒްހަތު ބައިވެރިވެ ވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
އޭގެ އިތުރުން ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ ޑރ. އަބްދުލް މަލިކު އާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ އިސް ފަރާތްތަކުންނާއި ނާސިންގް ކައުންސިލްގެ މެންބަރުން އަދި ކައުންސިލްގެ ރެޖިސްޓްރާ ބައިވެރިވެ ވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.