ފެބްރުއަރީ 1، 2018 ގައި ސުޕްރީމް ކޯޓުން އަމުރު ނެރުނު ފަނޑިޔާރުން އެކަމަށް ޒިންމާ ވާން ޖެހޭނެ ކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު ވިދާޅުވީ، ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ގާނޫނީ ގޮތުން ދެކޮޅުޖެހޭ އަމުރެއް ނޫން ކަމަށެވެ. އަދި އެ އަމުރު ނެރުނީ 5 ފަނޑިޔާރުންގެ އިއްތިފާގުން ކަމަށާއި، 5 ފަނޑިޔާރުން ވެސް އެ އަމުރަށް، އަދި އޭގެ ނަތީޖާއަށް ޒިންމާވާން ޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އޭނާ މިހެން ވިދާޅުވީ، ކުރިގެ ރައީސް އަބްދުﷲ ޔާމީނުގެ އަމުރަށް ސުޕްރީމް ކޯޓުގެ ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރު ކުރި ވާހަކައަކީ ހަގީގަތާތާ ހިލާފު ވާހަކައެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވުމާ ގުޅިގެންނެވެ. އޭނާ ވިދާޅުވީ، ބަލަންޖެހޭ ހަގީގީ މައްސަލައަކީ، ގާއިމުވެ އޮތް ލެޖިޓިމެޓް ސަރުކާރު ފަނޑިޔާރުންނާ ގުޅިގެން ވައްޓާލަން ރޭވިކަމަށް ތުހުމަތުކުރެވުނު އަދި ތުހުމަތު ކުރެވޭ ފަރާތްތަކުގެ މައްސަލަ ކަމަށެވެ.

ޑރ. ދީދީ މިހެން ވިދާޅުވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަމުރަށް ގާޒީ އަބްދުالله މުހައްމަދު ހައްޔަރު ކުރި މައްސަލަ އަދި ރައީސް ޔާމީނުގެ އަމުރަށް ސުޕްރީމް ކޯޓުގެ ޓިނު ނަގައިގެން ވަދެ، ދެ ފަނޑިޔާރަކު ހައްޔަރު ކުރި މައްސަލަ ބެލުމަށް އަލްހާން ފަހުމީ ގޮވާލުމާ ގުޅިގެންނެވެ. އޭނާ މިހެން ގޮވާލާފައި ވާއިރު، ދާދި ފަހުން ވަނީ އިންތިގާލީ އިންސާފުގެ ގާނޫނު ތަސްދީގު ކޮށްފައެވެ.

އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން ކުރީގައި ބަލައި ނިންމާފައިވާ ނުވަތަ ގޮތް ކަނޑައަޅާފައިވާ ހުރިހާ މައްސަލަތަކެއް ނުބެލޭނެއެވެ. އެގޮތުން ދޭދޭ ފަރުދުންގެ މެދުގައި ހިނގާފައި ހުންނަ މުއާމަލާތްތަކާއި ގުޅޭ މައްސަލަތަކުގެ ފައިލު އަލުން ހުޅުވައިގެން ބެލުމަކަށް މި ގާނޫނުން ހުއްދަ ނުކުރާނެއެވެ.

ހަމައެއާއެކު ކޮންމެ ކޮންމެ މައްސަލައެއް އަލުން ބެލުމަކަށް ވެސް މި ގާނޫނު ތަނެއް ނުދެއެވެ. މި ގާނޫނުން ތަން ދޭނީ ހަމައެކަނި ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތް ކުރި މީހުންގެ މައްސަލައެވެ. އެފަދަ މީހުންގެ ވެސް ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި އަމަލެއްގެ ސަބަބުން މީހެއްގެ ނުވަތަ ބައެއްގެ އިންސާނީ ހައްގެއް ނުވަތަ އަސާސީ މިނިވަންކަމެއް ނިގުޅައިގެންފައިވާ ނަމަ އެކަމެއްގެ މައްސަލައެވެ.

މި ގާނޫނުގެ ދަށުން ބެލޭނީ ޖެނުއަރީ 1، 1953 އިން ފެށިގެން ނޮވެންބަރު 17، 2018 އާ ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި ހިނގާފައިވާ ކަންތައްތަކުގެ މައްސަލައެވެ. މީގެ އިތުރުން މި ގާނޫނުގެ ދަށުން އުފައްދާފައިވާ އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން ބަލާ މައްސަލައެއްގައި ހެކިބަސްދޭ ފަރާތްތަކާއި އަނިޔާ ލިބިފައިވާ ފަރާތްތައް ހިމާޔަތްކުރަން ޖެހޭ ހާލަތެއްގައި އެފަދަ ފަރާތްތަކަށް ރައްކާތެރިކަން ދިނުން ދައުލަތަށް ލާޒިމުކޮށްފައި ވެއެވެ.