ދޯންޏެއްގެ ފަލްކާ ތެރެއަށް ވެއްޓުނު މީހަކު އަވަސް ފަރުވާ އަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ އަނިޔާވެފައިވަނީ ކ. ތިލަފުށި ބަނދަރުގައި އޮތް "ދިރުން" ނަމަކަށް ކިޔާ ދޯންޏެއްގައި މަސައްކަތް ކުރާ އުމުރުން 40 އަހަރުގެ ދިވެހި ފަޅުވެރިއަކަށް ކަމަށެވެ.

އެގޮތުން ސިއްހީ އަވަސް ފަރުވާއަށް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓް ގާޑު ސްކޯޑަންގެ އެހީތެރިކަމާއެކު މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެމްއެންޑީއެފުން ބުނީ އެހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު 07:08 ހާއިރު ކަމަށެވެ.

ކަނޑުމަތީގައި ދިމާވާ މިފަދަ ހާދިސާތަކުގައި އެމްއެންޑީއެފް ކޯސްޓް ގާޑުން އަބަދުވެސް އަންނަނީ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.

އެގޮތުން މިއަދު މޫދަށް އެރި އުޅެނިކޮށް ގެނބުނު ކުއްޖަކު ހާލު ދެރަވެ އެމްއެންޑީއެފް ކޯސްޓުގާޑުގެ އެހީގައި ގއ. އަތޮޅު ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.