ކޯވިޑް-19 އިން ދަސްވެގެން ދިޔަ އެންމެ މުހިންމު ފިލާވަޅަކީ ސާފުތާހިރު ކަން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް އެހެން ވިދާޅުވެފައިވަނީ "ސާފު ހުޅުމާލެ" ނަމުގައި ކުރިއަށްގެންދިޔަ ހަރަކާތް ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.
މިއަދު ހަވީރު ހުޅުމާލެ ރުއްގަނޑު ސަރަހައްދުގައި ބެއްވި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ވަނީ މި ސަރުކާރުން ސާފުތާހިރުކަމަށާއި ތިމާވެށީގެ ރައްކާތެރިކަމަށް ދެއްވާ ސަމާލުކަމަށް އަލިއަޅުވާލައްވާފައެވެ.
އެގޮތުން އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް މަދުކުރުމަށް މި ސަރުކާރުން ކުރައްވާ މަސައްކަތް ނައިބު ވަނީ ފާހަގަކުރައްވާފައެވެ. އަދި މި ސަރުކާރު ހަވާލުވުމަށްފަހު ވެސް އެންމެ ފުރަތަމަ ބޮޑު އިވެންޓެއްގެ ގޮތުން ބޭއްވިގެން ދިޔައީ ރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމެއްކަން ނައިބު ރައީސް ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.
ނައިބު ރައީސް ވަނީ ކޯވިޑް-19 އިން ދަސްވި އެންމެ މުހިންމު ފިލާވަޅަކީ ސާފުތާހިރުކަން ކަަމުގައި ފާހަގަކުރައްވާ ދިވެހި ހުރިހާ ރައްޔިތުން ވެސް ހާއްސަ ސަމާލުކަމެއް ދީގެން ގައުމުގެ ސާފުތާހިރުކަން ދެމެހެއްޓުމަކީ ފަރުދީ ޒިންމާއަކަަށް ހަދަން ޖެހޭކަމަށް ވިދާޅުވެފައެވެ.
މިއަދު މި ފެށި ހަރަކާތުގައި ހުޅުމާލޭގެ 40 ސަރަހައްދެއް ސާފުކުރުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.