ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް އަވަށްޓެރި އިންޑިއާއިން ޕޮޒިޓިވްވި މީހުންގެ އަދަދު 10 މިލިއަނަށް ވުރެ މައްޗަށް އަރައިފިއެވެ.

ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި އިންޑިއާއިން ރެކޯޑް ކުރި 25152 އާ ކޭހާއިއެކު، އެ ގައުމުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު، 10 މިލިއަންގެ ފާހަގަ ހުރަސް ކުރީ މިއަދުގެ ވަގުތެއްގައެވެ.

މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރު، އިންޑިއާއަކީ 10 މިލިއަންގެ ފާހަގަ ހުރަސް ކުރި 2 ވަނަ ގައުމެވެ. މި ފާހަގަ އެންމެ ފުރަތަމަ ހުރަސް ކުރީ އެމެރިކާއިންނެވެ. ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ރެކޯޑްތަކަށް ބަލާއިރު އެމެރިކާއިން ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 17.4 މިލިއަނަށް ވުރެ މައްޗަށް އަރާފައެވެ.

އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން އާންމު ކުރި އެންމެ ފަހުގެ ކޭސްތަކާއެކު އެ ގައުމުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 10004599 އަށް އަރާފައެވެ. މި ބަލީގައި އިންޑިއާއިން ހުކުރު ދުވަހު އެކަނިވެސް 347 މީހުން މަރުވި ކަމަށް އެ ގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން ހަބަރު ދެއެވެ. ކޮވިޑް-19 ޖެހިގެން އިންޑިއާއިން މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 145136 އަށް އަރާފައެވެ.