މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑިކަމުގެ ނިމުން ފެންނަން ފަށާފައި ވާ ކަމަށާ، ނަމަވެސް އެއީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި އުފުލާލި އައްޑަނަތައް ދޫކޮށްލަން ވީ ވަގުތު ނޫން ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ އިސްވެރިޔާ ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވިދާޅުވެއްޖެއެވެ.

ޑރ ޓެޑްރޯޒް މިފަދަ އިޝާރާތެއް ކުރައްވާފައި ވަނީ، ގައުމުތަކަށް ކޮވިޑް ވެކްސިން ފޯރުކޮށްދިނުމަށް ޑަބްލިއުއެޗްއޯ އިސްވެ އޮވެ ގާއިމު ކޮށްފައިވާ ކޮވެކްސް ފެސިލިޓީއަށް 2 ބިލިއަން ޑޯޒްގެ ވެކްސިން ކަށަވަރު ކުރެވިފައި ވާކަން އިއުލާން ކުރައްވަމުންނެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ތަރައްގީ ކުރަމުން އަންނަ ބާރަތު ބައޮޓެކް ކުންފުންޏަށް އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ (ކ) ޒިޔާރަތް ކުރައްވަނީ / ފޮޓޯ: ދަ ނިއުސް މިނެޓް

މިހާރު އާންމު އުސޫލުން ބޭނުން ކުރަމުން އަންނަ ވެކްސިންތަކާ، ތަރައްގީ ކުރަމުން އަންނަ ވެކްސިން ކެންޑިޑޭޓުންވެސް ހިމެނޭ ގޮތަށް ކޮވެކްސް ފެސިލިޓީއަށް 2 ބިލިއަން ޑޯޒްގެ ވެކްސިން ކަށަވަރު ކޮށްފައި ވާއިރު، މިއީ 190 ގައުމު ބައިވެރިވާ މިމަޝްރޫގައި ހިމެނޭ ހުރިހާ ގައުމަކުން، 2021 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވެކްސިން ދޭން ފަށާނެ އުސޫލުތައް އެކުލަވާލަންވީ ކަމުގެ އިޝާރާތެއް ކަމަށް އިން ބުނެއެވެ.

ޑަބްލިއުއެޗްއޯގެ ޑައިރެކްޓާ ޖެނެރަލް ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް / ފޮޓޯ: ޔޫއެންވެބްޓީވީ

އދއިން އަމާޒު ހިފާފައި ވަނީ 2021 ވަނަ އަހަރުގެ މެދަކާ ހިސާބަށް އަންނައިރު، ހުރިހާ ގައުމެއްގައި މަސައްކަތް ކުރަމުން އަންނަ ސިއްހީ އަދި އިޖުތިމާއީ ހިދުމަތްތެރިންގެ މުޅި އާބާދީއަށް ވެކްސިން ފޯރުކޮށްދިނުމަށެވެ. އަދި އެހެން ގިންތީގެ މީހުން ހިމެނޭނެހެން އާބާދީގެ 20 ޕަސެންޓަށް ބޭނުންވާ އިތުރު ޑޯޒްތައް، 2021 ވަނަ އަހަރުގެ ފަހުކޮޅަށް ފޯރުކޮށްދިނުމަށް އދއިން ވަނީ ވިސްނާފައެވެ. މިއަށްވުރެ އިތުރު ޑޯޒްތައް ލިބޭނެ ކަމަށް ތާވާލު ކޮށްފައި ވަނީ 2022 ވަނަ އަހަރަށެވެ.

އޮންލައިން ޕްލެޓްފޯމްގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ ޓެޑްރޯޒް ވިދާޅުވީ، މިއީ އުފާވެރި ހަބަރެއް ކަމަށާ، މިއީ ބައިނަލްއަގުވާމީ ސިއްހަތުގެ ދާއިރާއިން ހާސިލުވި މުހިންމު ކާމިޔާބީއެއް ކަމަށެވެ. މިއީ ބަލިމަޑުކަމުގެ ނިމުން ފެންނަ ކަމުގެ ހިންދެމިލެވިދާނެ ވަގުތެއް ކަމަށާ، ނަމަވެސް ތިބާއާއި އަނެކާގެ ސަލާމަތްތެރިކަމާ ރައްކާތެރިކަން ކަށަވަރު ކުރަމުން އަންނަ ފިޔަވަޅުތައް ދޫކޮށްލަން ވީ ވަގުތު ނޫން ކަންވެސް ޑރ ޓެޑްރޯޒް ވަނީ ފާހަގަ ކުރައްވާފައެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް ފައިޒާއިން ތަރައްގީ ކުރި ވެކްސިން ރަމްޒުކޮށްދިނުމަށް ބޭނުން ކޮށްފައި ވާ ތަސްވީރެއް / ފޮޓޯ: އައިވިޓްނަސް ނިއުސް

ކުޑަކުދިންނާ ބެހޭ އދގެ އިދާރާ (ޔުނިސެފް) އިން ބުނީ، ކުރިއަށް އޮތް 2021 ވަނަ އަހަރުގެ ކޮންމެ މަހަކު، 850 ޓަނުގެ ކޮވިޑް ވެކްސިން ސަޕްލައި ކުރުމަށް އެ އިދާރާއިން ތައްޔާރަށް އޮތް ކަމަށެވެ. މިއީ ޔުނިސެފުން މީގެ ކުރިން ފޯރުކޮށްދޭ ވެކްސިން ޝިޕްމަންޓަށް ވުރެ 2 ގުނަ އިތުރު މިންވަރެކެވެ.

ޔުނިސެފުން ބުނީ ކޮވިޑް ވެކްސިން ޑޯޒްތައް ފޮނުވާނީ މިހާރުވެސް އޮޕަރޭޓް ކުރާ ކޮމާޝަލް ފްލައިޓްތަކުން ކަމަށާ، ނަމަވެސް އިތުރު ފްލައިޓްތައް ޗާޓަރު ކޮށްގެން މިމަސައްކަތް ކުރިއަށް ގެންދޭވެނެ މަގުތައް ބަލާނެ ކަމަށެވެ.

ބައިނަލްއަގުވާމީ ވެކްސިން އިއްތިހާދު "ގާވީ" އާ ގުޅިގެން ޔުނިސެފުން ދަނީ، ދަށް ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުގައި އިންތިހާ-ފިނިކުރާ ފުރިޖު ސިސްޓަމް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަމާޒު ހިފާފައި ވަނީ 2021 ވަނަ އަހަރު ނިމޭ އިރު، މިފަދަ 70000 ޔުނިޓް ގާއިމު ކުރުމަށް ކަމަށް އދއިން މައުލޫމާތު ދެއެވެ. އިރުގެ އަވިން ހަކަތަ އުފައްދައިގެން އޮޕަރޭޓް ކުރާ މި ޔުނިޓްތަކަކީ، 2-8 ޑިގްރީ ސެލްސިއަސްގައި ރައްކާކުރަންޖެހޭ ވެކްސިންތައް ބެހެއްޓޭނެ ފުރިޖުތަކެއް ކަމަށް މައުލޫމާތު ލިބެއެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް ފައިޒާއިން ތަރައްގީ ކުރި ވެކްސިން ރަމްޒުކޮށްދިނުމަށް ބޭނުން ކޮށްފައި ވާ ތަސްވީރެއް / ފޮޓޯ: ޑަބްލިއުއެސްޖޭ

"ކޮވިޑް-19 ވެކްސީންސް ގްލޯބަލް އެކްސެސް ފެސިލިޓީ" (ކޮވެކްސް) އަކީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިސްވެއޮވެ، އެޕިޑެމިކް ޕްރެޕެއާޑްނަސް އިނޮވޭޝަންސް (ސެޕީ) އާއި ވެކްސިން އެލާޔަންސް ގާވީގެ އިއްތިހާދީ މަޝްރޫއެކެވެ. "ކޮވެކްސް" އިން އަމާޒު ހިފާފައި ވަނީ، ރައްކާތެރި އަދި ކާމިޔާބު 3 ވެކްސިނެއް ތަރައްގީކޮށް، މަޝްރޫއުގެ ބައިވެރިނަށް ފޯރުކޮށްދިނުމަށެވެ.

ދިވެހިރާއްޖެ އަކީވެސް ކޮވެކްސް ފެސިލިޓީގެ ތެރެއިން، އާބާދީގެ 20 އިންސައްތައަށް ވެކްސިން ލިބޭ ގައުމުތަކުގެ ތެރޭގައި އޮތް ގައުމެކެވެ. ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކުންވެސް ވަނީ ކުރިއަށް އޮތް 2021 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވެކްސިން ދޭން ފެށޭނެ ކަމުގެ އިޝާރާތެއް ކޮށްފައެވެ.