ދިގު މުއްދަތަށް ބޭސް ފަރުވާ ކުރަންޖެހޭ ބަލިތައް ޖެހުމަށް މެދުވެރިވާ ހިރާސްތައް ދެނެގަތުމަށް ސާވޭ އެއް ކުރުމަށް ނިންމާފިއެވެ.

އެޗްޕީއޭ އިން ބުނީ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ދިގު މުއްދަތަށް ބޭސް ފަރުވާ ކުރަންޖެހޭ ބަލިތައް ނުވަތަ ގައިން ގަޔަށް ނާރާ ބަލިތައް ޖެހުމަށް މެދުވެރިވާ ހިރާސްތަށް ރާއްޖޭގައި ހުރި މިންވަރު ދެނެގަތުމަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއް ތަމްސީލުވާ ގޮތަށް ދިރާސާއެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން "ސްޓެޕް ސާވޭ"ގެ ނަމުގައި މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން މާލެ، ހުޅުމާލެ، ވިލިމާލެ ސަރަހައްދުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

މިއީ އެޗްޕީއޭ އިން އިސް ނަގައިގެން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އާއި މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) ގުޅިގެން ކުރިޔަށް ގެންދާ މަސައްކަތެއް ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

އެޗްޕީއޭ އިން ބުނީ މި ސާވޭ ކުރުމަށް ގުރުއަތުން ނެގިފައިވާ ގޭގެއަށް މައުލޫމާތު އެއްކުރުމަށް ޒިޔާރަތް ކުރާނެ ކަމަށާއި ސަވޭ ގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތައް ތެބެންވާނީ އެމްއެންޔޫ އިން އެކަމަށް ދޫކޮށްފައިވާ ފާހެއް އަޅައިގެން ކަމަށެވެ.

މި ސާވޭ ކުރިއަށް ގެންދިއުމަށް އެންމެން ވެސް އެއްބާރުލުމާއި އެހީތެރިކަން ދިނުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.