ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ އިދާރާތަކުން ވަޒީފާތަކަށް މީހުން ހޯދުމާއި އައްޔަންކުރުމުގައި އަމަލުކުރަމުންދާ އުސޫލުތަކާއި މިންގަނޑުތައް އިސްލާހުކޮށް ސިވިލް ސާވިސް ވަޒީފާތަކަަށް އިއުލާނު ކުރުން މިމަހުގެ ނިޔަލަށް މެދުކަނޑާލަން ނިންމައިފިއެވެ.

ސީއެސްސީން ކުރި އިއުލާނެއްގައި ބުނީ އެ އިސްލާހުތައް ގެނެސްފައި ވަނީ ސިވިލް ސާވިސްގެ ވަޒީފާތަކަށް މީހުން ހޯދުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކޮށް ވަޒީފާއަށް އައްޔަންކުރުމުގެ މަރުހަލާތައް އިތުރަށް ތަފްސީލުކޮށް ދިނުމުގެ ގޮތުން ކަމަށެވެ.

ގެނެސްފައިވާ އިސްލާހުތައް:

  • ސިވިލް ސާވިސްގެ އިދާރީ އަދި ފަންނީ މަގާމުތަކުގެ އަސާސީ ޝަރުތު (ހަތްވަނަ އިސްލާހު)
  • ސިވިލް ސާވިސްގެ މަގާމުތަކުގެ ތައުލީމީ ރޮނގު އަދި މަސައްކަތުގެ ދާއިރާ ކަނޑައަޅާނެ ގޮތުގެ އުސޫލު
  • ސިވިލް ސާވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަން ކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް 2021
  • ސިވިލް ސާވިސްގެ ވަޒީފާތަކަށް އެސެސްމަންޓް ތައްޔާރުކުރާނެގޮތުގެ ގައިޑްލައިން

ސީއެސްސީން ބުނީ މި އުސޫލުތަކާއި މިންގަނޑުތައް އަދި ގައިޑްލައިންތަކަށް އަމަލުކުރަން ފަށާނީ ޖެނުވަރީ 1، 2021 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. އަދި މި ސާކިއުލާ އާންމުކުރުމާ ގުޅިގެން އަންނަ ބުދަ ދުވަހުން ފެށިގެން މިމަހު 31 ވަނަ ދުވަހުގެ ނިޔަލަށް ސިވިލް ސާވިސްގެ ވަޒީފާތަކަށް އިއުލާނުކުރުން ހުއްޓާލުމަށް ނިންމާފައިވާ ކަމަށް އެއިއުލާނުގައި ވަނީ ބުނެފައެވެ.

ހަމައެހެންމެ ޖެނުވަރީ 1، 2021 ވަނަ ދުވަހުން ފެށިގެން "ސިވިލް ސާވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް 2021 "އާ އެއްގޮތަށް އިދާރާތަކުން ސިވިލް ސާވިސްގެ ވަޒީފާތަކަށް އިއުލާނު ކުރަމުން ގެންދާ ގޮތަށް ނިންމާފައިވާ ކަމަށް ސީއެސްސީން ވަނީ ބުނެފައެވެ.

އޭގެ އިތުރުން އަންނަ ބުދަ ދުވަހުގެ ނިޔަލަށް އިދާރާތަކުން ސިވިލް ސާވިސްގެ ވަޒީފާތަކަށް ކޮށްފައިވާ އިއުލާނުތަކަށް މުވައްޒަފުން ހޮވުމާއި އައްޔަންކުރުމުގެ މަރުހަލާތައް ކުރިއަށްގެންދާނީ "ސިވިލް ސާވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް 2018 "އާ އެއްގޮތަށް ކަމަށް ސީއެސްސީން ކުރި އިއުލާނުގައި ވަނީ ބުނެފައެވެ.