ކުޅިވަރަށް ބޮޑު ތަރުހީބެއް އޮންނަ އދ. މަހިބަދޫއަށް އުފަން ފާތުމަތު ޝާރަތާއި އަސީލަތު އަލީގެ އެކުވެރިކަމަށް 12 އަހަރު ފުރުނު އިރު ދެ އެކުވެރިންގެ ނަމުގައި ރަށުގައި ހޭންޑްބޯލް މުބާރާތްތަކެއް ބާއްވައިފިއެވެ.
ކުޅިވަރަށް ލޯބި ޖެހިފައިވާ މި ދެ އެކުވެރިންގެ ގުޅުން ފެށިފައި ވަނީވެސް ކުޅިވަރުގެ ތެރެއިންނެވެ. 2008 ވަނަ އަހަރު ނެޓްބޯލް ކުޅުމަށް ރަށުގެ ސްކޫލް ސަރަހައްދުގައި އޮންނަ ދަނޑަށް ކުޅެން ގޮސް އުޅުމުގެ ތެރޭގައި ފެށުނު އެކުވެރިކަމަށް 12 އަހަރު ފުރިފައިވާ އިރު މި ދެ އެކުވެރިން އެކުގައި ދެކެމުން އައި ހުވަފެންތަކުގައި ވަނީ ކުލަ ޖެހެން ފަށާފައެވެ. އެ ގޮތުން ރަށުގައި ކުޅިވަރު ކުރިއެރުވުމަށް އެތައް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެ ދެ ޒުވާނުން ބުނެއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އަސީލަތު ބުނީ، ކޮވިޑް ހާލަތުގައި ލޮކްޑައުންގައި އޮތް އިރު ރަށުން ބޭރަށް ނުދެވި ތިބެން ޖެހުމުން ކުޅިވަރު ކުޅުމުގައި ގިނަ ޒުވާނުންތަކެއް އުޅުނު ކަމަށެވެ. އެ ގޮތުން ކުޅޭ ކުޅިވަރުތަކުގެ ތެރެއިން ނެތްބޯލާއި ހޭންޑް ބޯލް އަދި ސަގާފީ ކުޅިވަރެއް ކަމަށްވާ ބަށި ވެސް ކުޅޭ ކަމަށް އޭނާ ބުނެއެވެ. ރަށްރަށަށް ދެވޭ ގޮތަށް ހުޅުވާލުމުން ކައިރި ރަށްރަށަށް ވެސް ގޮސް ކުޅިވަރު ކުޅެފައިވާ ކަަމަށާއި އެހެންކަމުން ރަށު ފެންވަރުގައި 2 މުބާރާތެއް ބޭއްވީ ކަމަށް އޭނާ ބުނެއެވެ.
އެ ގޮތުން މި މަހުގެ 4 އަދި 5 ވަނަ ދުވަހު ދެ ދުވަހުގެ މުބާރާތެއްގެ ގޮތުގައި ރަށުގެ ޒުވާނުންނަށް އަމާޒުކޮށްގެން ހޭންޑްބޯލް މުބާރާތެއް ވަނީ ބާއްވާފައެވެ. "އެސް އެންޑް އޭ" ގެ ނަމުގައި މި ދެ ޒުވާނުން އިސްނަގައިގެން ބޭއްވި މުބާރާތުގައި ޖުމްލަ 7 ޓީމެއް ބައިވެރިވެފައި ވެއެވެ. އެއަށް ފަހު މި މަހުގެ 14 ވަނަ ދުވަހު 18 އަހަރުން ދަށުގެ ކުދިންނަށް ހާއްސަކޮށްގެން ހޭންޑްބޯލް މުބާރާތެއް ވެސް ވަނީ ބާއްވާފައެވެ. އެ މުބާރާތުގައި 3 ޓީމެއް ވަނީ ވާދަކޮށްފައެވެ.
މި މުބާރާތްތައް ބޭއްވުމުގައި އިސްކޮށް ހަރަކާތްތެރިވި ދެ އެކުވެރިންގެ ތެރެއިން އަސީލަތު ބުނީ، ހޭންޑްބޯލް މުބާރާތްތަކުގައި ހޮވާ ހުރިހާ ވަނަތަކެއް އެ މުބާރާތުގައި ހޮވާފައިވާނެ ކަމަށެވެ. ކޮންމެ މެޗެއްގައި ވެސް އެންމެ މޮޅު ކުޅުންތެރިޔާ ހޮވައި މުބާރާތުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމްއަށް އިނާމާއި ޓްރޮފީ އަދި ހަނދާނީ ލިޔުން ދީފައިވާނެ ކަމަށް އޭނާ ބުނެއެވެ. އަދި ދެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ފައިސާގެ އިނާމުވެސް ވަނީ ދީފައެވެ.
ހަމައެއާއެކު މި މަހު ބޭއްވި ދެ މުބާރާތަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށް އަސީލަތު ފާހަގަ ކުރެއެވެ. އެހެންކަމުން މި މުބާރާތްތައް ކޮންމެ އަހަރަކުވެސް ބާއްވަން ވިސްނާ ކަމަށާއި އަދި 40 އަހަރުން މަތީގެ މީހުންނަށް ވެސް މުބާރާތެއް ބާއްވަން ވިސްނާ ކަމަށް އަސީލަތު ބުނެއެވެ.
އެކުވެރިކަމަކީ ގަދަފަދަ ބާރެކޭ ބުނާ ފަދައިން އެ ދެއެކުވެރިންގެ އެކުވެރިކަމަކީ ވެސް އެފަދަ ބާރު ހުރި ގާތް ގުޅުމެއް ކަމުގައި ދެކޭ ކަމަށް އަސީލަތު ބުނެއެވެ. ދެ ޓީމަކަށް ދެމީހުން ކުޅެން ޖެހިއްޖެ ނަމަވެސް އެކުވެރިކަމަށް ބުރޫއެއް ނާރާނެ ކަމަށާއި އެކުވެރިޔާ ކުޅޭ ޓީމަށް ސަޕޯޓް ކުރާނެ ކަމަށް އަސީލަތު ބުނެއެވެ.
ޝާރަތު ވެސް ބުނަނީ ހަމައެހެންނެވެ. ދެ ޓީމެއްގައި މީގެކުރިން ކުޅެފައި ވާނެ ކަމަށާއި ދެ ޓީމަކަށް ކުޅެން ޖެހުނަސް އެކުވެރިކަމަށް ބަދަލެއް ނާންނާނެ ކަމަށެވެ. އެކަކު އަނެއްކަކަށް ސަޕޯޓް ކުރާނެ ކަމަށް ޝާރަތު ބުނެއެވެ.
ދެ އެކުވެރިންވެސް ބުނާ ގޮތުގައި އެ ދެމީހުންނަކީ މިޒާޖުގައިވެސް ވަރަށް އެއްގޮތް ދެމީހުންނެވެ. އެހެންކަމުން ދެމީހުން މިހާ ދުވަހު ރަހްމަތްތެރިންގެ ގޮތުގައި ތިބިއިރު ދެބަސްވާން ޖެހޭ ވަރުގެ ކަމެއް ދިމާ ނުވާ ކަމަށެވެ. ކަންކަން ކުރަން ބޭނުންވީމަ އެކަކު އަނެކަކާ ހިޔާލު ބަދަލުކޮށް ޕްލޭން ކުރަނީ ކަމަށާއި އަބަދުވެސް އެކަކު އަނެކަކަށް އެހީވާން ޖެހިޖިއްޔާ ފަސް ނުޖެހޭ ކަމަށް އެ ދެއެކުވެރިން ބުނެއެވެ. އަދި ކުޅިވަރުގައި ޑިސިޕްލިން ހިފަހައްޓަން އެނގޭ ނަމަ ދެބަސްވާން ނުޖެހޭނެ ކަމަށް ވެސް ބުނެއެވެ.
ކުޅިވަރު ކުރިއެރުވުމަށް ދެ އެކުވެރިން ކުރާ މަސައްކަތުގައި އަގު ހުރި ނަތީޖާއެއް ނެރެވެނީ ގިނަ ބައެއްގެ އެހީތެރިކަމާ އެކުގައި ކަމަށް އަސީލަތު ބުނެއެވެ. އެ ގޮތުން އެ ރަށުގައި ހިންގާ ކުންފުންނެއް ކަމަށްވާ "ޑޮމިއޯ ސާވިސް" އާއި އެ ކުންފުނީގެ ވެރިޔާ އަބްދުއް ރަހްމާންއަށް އެ ދެ އެކުވެރިންގެ ނަމުގައި ހާއްސަ ޝުކުރެއް އަދާކުރާކަމަށް ބުނެއެވެ.
މި ދެ އެކުވެރިންނަކީ މަހިބަދޫގައި ކުޅިވަރުގެ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވާ ހީވާގި ދެ ޒުވާނުންނެވެ. އެގޮތުން 2016 ވަނަ އަހަރު ނެޓްބޯލް ނާމް ޗެމްޕިއަންޝިޕްގައި މަހިބަދޫ ސްޕޯޓްސް ޓީމް ބައިވެރިވި އިރު އެ ޓީމުގައި ޝާރަތާއި އަސީލަތު ބައިވެރިވެފައި ވެއެވެ. އަދި އެ މުބާރާތުން ފަހުރުވެރި ޗެމްޕިއަން ޓީމަކަށް އެ ޓީމް ވަނީ ހޮވިފައެވެ.
ހަމައެއާއެކު 2018 ވަނަ އަހަރު ގައުމީ ނެޓްބޯލް މުބާރާތުގައި ވެސް މަހިބަދޫ ސްޕޯޓް ޓީމް ބައިވެރިވެފައި ވާއިރު އެފަހަރު ޓީމުގައިވެސް މި ދެ އެކުވެރިން ވަނީ ކުޅިވަރުގެ ހުނަރު ދައްކާފައެވެ. އަދި އެ އަހަރުވެސް އެ ޓީމަށް ވަނީ ޗެމްޕިއަންކަން ހާސިލްކޮށްފައެވެ.
ލޮލް