ފައިސާއިން ނާޖައިޒު ފައިދާ ނަގާ، ވިޔަފާރީގައި ނުހައްގުން މަންފާ ހޯދުމަށް ސިޔާސަތު ތަންފީޒު ކުރަމުންދާ ގައުމުތަކަށް އެމެރިކާއިން އެކުލަވާލާފައިވާ "ކަރަންސީ މެނިޕިއުލޭޓަރުން"ގެ މޮނިޓަރިންގް ލިސްޓަށް، އަވަށްޓެރި އިންޑިއާގެ ނަން އިތުރު ކޮށްފިއެވެ.

"ކަރަންސީ މެނިޕިއުލޭޓަރުން" ގެ ގޮތުގައި އެމެރިކާއިން ކަނޑައަޅާ ގައުމުތަކަކީ، ފައިސާ ގަނެވިއްކުމުގެ ބައިނަލްއަގުވާމީ ބާޒާރުތަކުގައި ނާޖައިޒު ފައިދާ ހާސިލުކޮށް، ކުރުމުއްދަތުގައި މާލިއްޔާތާ ގުޅިފައިވާ އިންޓްރެސްޓް ފަދަ ސިޔާސަތުތަކާ ކުޅެ، ވިޔަފާރީގައި ނުހައްގު މަންފާ ހާސިލުކުރާ ގައުމުތަކަށް އެމެރިކާއިން ދޭ ދަރަޖައެކެވެ.

"ކަރަންސީ މެނިޕިއުލޭޓަރުން"ގެ ދަރަޖައަށް ހިނގައިދާނެ ކަމަށް އެމެރިކާއިން ފާރަވެރިވެ، ވިލަރެސް ކުރަންޖެހޭ ގައުމުތަކުގެ ލިސްޓަށް އިންޑިއާ އިތުރު ކޮށްފައި ވަނީ ބުދަ ދުވަހުގެ ވަގުތެއްގައެވެ. މި ލިސްޓުގައި ތައިލޭންޑް ވެސް ވަނީ ހިމަނާފައެވެ. މި ލިސްޓުގައި ހިމެނޭ އިތުރު ގައުމުތަކަށް ބަލާއިރު، ޖަޕާން، ސިންގަޕޫރު އަދި މެލޭޝިއާ ހިމެނެއެވެ.

ކަންމިހެން އޮތް އިރު، ވިއެޓްނާމްއާއި ސުވިޒަލަންޑްއަކީ "ކަރަންސީ މެނިޕިއުލޭޓަރުން" ކަމަށް އެމެރިކާއިން ވަނީ ކަނޑައަޅާފައެވެ.

އެމެރިކާއިން ބުނީ، ޖޫން 2020 ގެ ކުރިއަށް ފާއިތުވީ 4 ކުއާޓަރުގައިވެސް ބޭރު ފައިސާ ގަނެވިއްކުމުގެ ބާޒާރުގައި އިންޑިއާ، ސިންގަޕޫރު، ސުވިޒަލަންޑް އަދި ވިއެޓްނާމުން ނުފޫޒު ފޯރުވަނިވި ސިޔާސަތުތަކެއް ތަންފީޒު ކުރި ކަމަށެވެ.

ކަން މިހެން އޮތް ނަމަވެސް އިންޑިއާގެ މަރުކަޒީ ބޭންކް (އާރްބީއައި) އިން ބުނަމުންދަނީ، އެ ގައުމުގެ ފައިސާ (ރުޕީޒް) އަކީ، މާކެޓް ޑިމާންޑަށް އަންނަ ބަދަލާ އެއްގޮތަށް އަގު ކަނޑައެޅޭ ފައިސާއެއް ކަމަށެވެ. މިކަމަށް ނުފޫޒެއް ފޯރުވާފައިވާނީ، ގަނެވިއްކުމުގެ އަގަށް ނޭދެވޭ ބޮޑު ބަދަލެއް އަޔަ ނުދިނުމަށް ކަމަށްވެސް އާރްބީއައިއިން ވަނީ ބުނެފައެވެ.