ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން 114 ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންގޮސްފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފް ރޭ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލި 74 ކެންޑިޑޭޓަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިމަތިލި 40 ކެންޑިޑޭޓެއްގެ ނަން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ. އަދި މީގެ ތެރެއިން ލޯކަލް ކައުންސިލް އިންތިހާބުން އެންމެ ގިނައިން ނަން ނަގާފައިވާ ކެންޑިޑޭޓުންނަކީ އެމްޑީޕީއަށް ނިސްބަތްވާ ކެންޑިޑޭޓުން ކަމަށް ޝަރީފް ވިދާޅުވިއެވެ.
އެގޮތުން މިހާތަނަށް އެމްޑީޕީއަށް ނިސްބަތްވާ 24 ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންގޮސްފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. އެމްޑީޕީ 24 ކެންޑިޑޭޓަކު ނަން އަނބުރާ ނަގާފައިވާއިރު ޕީޕީއެމްއަށް ނިސްބަތްވާ 13 ކެންޑިޑޭޓަކު ވަނީ އަނބުރާ ނަން ނަގާފައެވެ. މީގެއިތުރުން، ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ 7 ކެންޑިޑޭޓާކާއި އެމްޑީއޭގެ 1 ކެންޑިޑޭޓެއްގެ އިތުރުން އަމިއްލަ ގޮތަށް ކުރިމަތިލާފައިވާ 29 ކެންޑިޑޭޓަކު ނަން ނަގާފައިވެއެވެ.
މީގެކުރިން އީސީން ބުނެފައި ވަނީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ތެރެއިން 99 ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންގޮސްފައިވާ ކަަމަށެވެ. އެހެންކަމުން މިހާރު މި ވަނީ އިތުރު 15 ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންގޮސްފައެވެ.
މި ދިޔަ އެޕްރީލް މަހު ބާއްވަން އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އަންނަ އަހަރު ބާއްވަން ފަސްކޮށްފައި ވަނީ ކޮވިޑް-19 ބަލިމަޑުކަން ފެތުރުމާ ގުޅިގެންނެވެ. މި އިންތިހާބު އަންނަ އަހަރަށް ފަސްކޮށްފައިވާއިރު މިހާރު މަގާމުގައި ތިބި ކައުންސިލަރުންގެ މުއްދަތު މަޖިލީހުން ވަނީ ދަންމާލާފައެވެ.
މި އިންތިހާބު އަންނަ އަހަރުގެ މާޗު މަހުގެ 6 ވަނަ ދުވަހު ބާއްވަން އީސީން މަސައްކަތް ކުރަމުން އައި ނަމަވެސް އިންތިހާބު ބާއްވާނެ ސީދާ ތާރީހެއް އިއުލާން ކުރާނީ ސަރުކާރުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ނެތް ކަމަށް އިއުލާން ކުރުމުން ކަމަށް އީސީން ވަނީ ބުނެފައެވެ.