ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް ރެކޯޑް އަދަދަކަށް އިތުރު ވަމުން އަންނަ އިނގިރޭސިވިލާތުގައި، މި ބަލިން ދިފާއުވުމަށް ފުޅާ ދާއިރާއެއްގައި ވެކްސިން ދެމުން އަންނަ މަރުކަޒެއްގެ މުވައްޒަފުންތަކެއް، މި ބައްޔަށް ޕޮޒިޓިވްވެއްޖެއެވެ.

އާންމު އުސޫލުން ކޮވިޑް ވެކްސިން ދޭން ފެށި ފުރަތަމަ ގައުމުގެ ރެކޯޑް ކަށަވަރު ކުރި އިނގިރޭސިވިލާތުގެ ވެކްސިން މަޝްރޫއުގައި ހަރަކާތްތެރިވާ މުވައްޒަފުން ޕޮޒިޓިވްވީ، ކާޑިފްގެ ވެކްސިން ސެންޓަރަކުން ކަމަށް ހަބަރު ލިބެއެވެ.

ކޮވިޑް-19އަށް ޕޮޒިޓިވްވީ ކޮން މަރުކަޒެއްގައި މަސައްކަތް ކުރަމުން ދިޔަ މުވައްޒަފުންތަކެއް ކަން، ކާޑިފް އެންޑް ވޭލް ޔުނިވާސިޓީ ހެލްތު ބޯޑު (ސީވީޔޫއެޗްބީ) އިންކަށަވަރު ކޮށްދީފައެއް ނުވެއެވެ. ނަމަވެސް އެ މުވައްޒަފުންނާ އެކީ އެއްތާވީ ކަމަށް ބެލެވޭ މީހަކު ހުރިނަމަ އައިސޮލޭޓް ވުމަށް އަންގާނެ ކަމަށްވެސް ސީވީޔޫއެޗްބީއިން ވަނީ ބުނެފައެވެ.

މި ދަނޑިވަޅަކީ ރެކޯޑް އަދަދުތަކުން ކޭސް އިތުރު ވަމުން އަންނަ ދަނޑިވަޅެކެވެ. ފާއިތުވީ ހަފުތާއެއްހާ ދުވަހަށް ބަލާއިރު، އިންފެކްޝަން ރޭޓް ވަނީ 90 ޕަސެންޓަށް އަރާފައެވެ. މިއާއެކު ވެކްސިން ދިނުމުގެ ދުވެލި ވަނީ ހަލުވިކޮށް، ފުޅާ ކޮށްފައެވެ. އަދި ބައްޔަށް ސްކްރީން ކުރުމުގެ މަސައްކަތްވެސް ފުޅާ ކޮށްފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.