މިދިޔަ ޖޫން މަސް ތެރޭގައި ހުޅުމާލޭ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރަން އުޅުނު ކަމަށް ބުނާ މައްސަލަ ފުލުހުން ތަހުގީގު ކުރުމަށް ފަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
ފުލުހުން ބުނީ މި މައްސަލަ ޕީޖީއަށް ފޮނުވާފައި ވަނީ މި ހިނގާ ޑިސެމްބަރު މަހުގެ ކުރީކޮޅު ކަމަށެވެ. އަދި މި މައްސަލަ ފޮނުވަފައި ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއެކު މީގެ ކުރިން މަޝްވަރާ ކުރުމުން ފުރިހަމަ ކުރަން އެދުނު ކަންކަން ފުރިހަމަ ކުރުމަށްފަހު ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލައާ ބެހޭ އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ޖޫން 26 ވަނަ ދުވަހު ފަތިހު ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި އަންހެނަކަށް ޖިންސީ ގޯނާ ކުރަން އުޅުނު ކަމަށް ބުނާ މައްސަލާގައި ފުލުހުން ވަނީ އެދުވަހު ކުށުގެ ވެށިން 2 މީހަކު ހައްޔަރު ކޮށްފައެވެ. ނަމަވެސް ހައްޔަރު ކުރި ދެ މީހުން ވެސް، ތަހުގީގަށް ހައްޔަރުކޮށްފައި ބެހެއްޓޭނެ އެކަށީގެންވާ ސަބަބެއް ނެތުމުން ކަމަށް ބުނެ ވަނީ ދޫކޮށްލާފައެވެ.
މި މައްސަލައިގެނ ތަހުގީގުގައި ފުލުހުން ވަނީ، 11 މީހެއްގެ ބަޔާން ނަގާ، އެ ސަފާރީ އަޅާފައިވާ ސަރަހައްދަށް ޑައިވްކޮށް ވިކްޓިމްގެ ފޯނު ހޯދާފައެވެ. މި މައްސަލައާ ގުޅިގެން މީގެ 5 މަސް ކުރިން ފުލުހުން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ބާއްވާފައެވެ. އެ ބައްދަލުވުމުގައި ފުލުހުން ބުނީ މި މައްސަލާގައި ދައުވާ ކުރެވޭ ވަރަށް ހެކި ލިބިފައިވާ ކަމަށާއި، މާ ލަސްތަކެއް ނުވެ ދައުވާ ކުރަން ފޮނުވާނެ ކަމަށެވެ.
ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރަން އުޅުނު ކަމަށް ބުނާ މައްސަލަ ބެލުން ލަސް ވަމުން ދާތީ އެކަމާ ގިނަ ބައެއްގެ ފާޑު ކިއުން ވަނީ އަމާޒުވެފައެވެ. އަދި މިކަމުގައި ތުހުމަތު ކުރެވެނީ ސަރުކާރުގެ އިސްފަރާތަކާ ގުޅުން އޮތް ބަޔަކަށް ވާތީ، ސަރުކާރުން އެމީހން ހިމާޔަތް ކުރަން އުޅޭ ކަމުގެ ތުހުމަތު ވެސް ބައެއް ފަރާތްތަކުން ދަނީ ކުރަމުންނެވެ.
މި މައްސަލަ ހޫނުވެފައި ވަނިކޮށް، މި މައްސަލައާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދެއްކެވި ވާހަކަތަކަކާ ގުޅިގެން ވެސް އާންމުންގެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ. އެގޮތުން، މިނިސްޓަރު އިމްރާން ވިދާޅުވީ އެ މައްސަލައާ ގުޅިގެން ވާހަކަ ދެކެވެނީ އެކަން ހިނގައި ދިޔަ ގޮތަށް ވުރެ ބޮޑުކޮށްލައިގެން ކަމަށާއި ހަގީގަތުގައި އެރޭ ސަފާރީގައި ހިނގައި ދިޔައީ ވަރަށް ކުޑަ ކަމެއްކަމަށް އަދި އެއީ އާންމު ކޮންމެ ތަނެއްގައި ވެސް ހިނގައިފާނޭ ކަމެއް ކަމަށެވެ.