ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކޮށްފައިވާ ވެކްސިން، އާންމު އުސޫލުން ދޭން ފެށި 3 ވަނަ ގައުމުގެ ރެކޯޑް، ކެނެޑާއިން ކަށަވަރުކޮށްފިއެވެ.

އާންމު އުސޫލުން ކޮވިޑް-19 ވެކްސިން ދޭން ފެށި 2 ވަނަ ގައުމަކީ އެމެރިކާ ކަމަށް ވާއިރު، އެމެރިކާއާއި ކެނެޑާއިންވެސް ވެކްސިން މަޝްރޫއު ފަށާފައިވަނީ ރޭގެ ވަގުތެއްގައި ކަމަށް ހަބަރު ލިބެއެވެ.

ކެނެޑާގެ ވެކްސިން މަޝްރޫއަށް ބަލާއިރު، ފުރަތަމަ ބުރު ހާއްސަކޮށްފައި ވަނީ ސިއްހީ ދާއިރާ ހިދުމަތްތެރިންނަށެވެ. މި މަޝްރޫއުގެ ތެރެއިން އެންމެ ފުރަތަމަ ޑޯޒް ދީފައި ވަނީ ދޮށީ އުމުރުގެ މީހުން ބެލުމަށް ހާއްސަ ކޮށްފައިވާ ތަނެއްގައި މަސައްކަތް ކުރަމުން އަންނަ ހިދުމަތްތެރިއަކަށެވެ.

ކޮވިޑް ޖެހިގެން ކެނެޑާއިން މިހާތަނަށް 13350 މީހެއްގެ ފުރާނަ ގެއްލިފައި ވާއިރު، 60 ޕަސެންޓަށް ވުރެ ބޮޑު ބައި ހިއްސާކުރަނީ ދޮށީ އުމުރުގެ މީހުން ބަލަން ހާއްސަ ކޮށްފައި ވާ ތަންތަނުންވެ.

ކެނެޑާގައިވެސް ބޭނުން ކުރަނީ ބޭސް އުފެއްދުމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެމެރިކާގެ ކުންފުނި – ފައިޒާއާއި ޖަރުމަނުވިލާތުގެ ބައޮއެންޓެކް ގުޅިގެން ތަރައްގީ ކޮށްފައި ވާ ވެކްސިނެވެ. އެމެރިކާއާއި އިނގިރޭސިވިލާތުގައިވެސް އާންމު އުސޫލުން ވެކްސިން ދިނުމުގެ މަޝްރޫއުގައި ބޭނުން ކުރަނީ މި ވެކްސިނެވެ.