އެމްއެމްޕީއާރްސީ މައްސަލައިގައި ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ވަކީލުން ބައްދަލު ކުރައްވާ ކޮންމެ ފަހަރަކު ޕީސީއާރް ޓެސްޓު ހެދުމަށް އެންގުމަކީ ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ޝަރީއަތަށް ނުފޫޒު ފޮރުވަން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކުރައްވާ ކަމެއްގެ ގޮތުގައި ޔާމީންގެ ވަކީލުން ސިފަ ކުރައްވައިފިއެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ފަރާތުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް ޖަވާބުދާރީ ވުމުގައި ގާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބުމުގެ ހައްގު ނިގުޅައި ގަތުމަށް މިދިޔަ ދުވަސްތަކުގައި ތަކުރާރުކޮށް މިނިސްޓްރީ އޮފް ހޯމް އެފެއާޒުން މަސައްކަތްކުރަމުން އައިސްފައިވާ ކަމަށެވެ. އެގޮތުން މި މަހުގެ 6 ވަނަ ދުވަހު ބޭއްވި ޝަރީއަތުގެ އަޑުއެހުމަށްފަހު ކުއްލިއަކަށް ރައީސް ޔާމީންގެ ވަކީލުންގެ ބައްދަލުވުމަށް ކޮންމެ ފަހަރަކު ޕީސީއާރު ޓެސްޓު ހެދުމުން ނޫންގޮތަކަށް ބައްދަލުވުން ހަމަނުޖެހޭނެ ކަމަށް ބުނެފައިވާ ކަމަށް ވަކީލުން ބުނެއެވެ.

ކޮންމެ ބައްދަލުވުމެއްގެ ކުރިން ޕީސީއާރް ޓެސްޓެއް ހެދުމަކީ ކުރިމިނަލް ކޯޓުގައި ހިނގަމުންދާ ޝަރީއަތްތަކަށް ނުފޫޒު ފޯރުވާގޮތަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ދައްކާފައިވާ ވާހަކަތަކެއް ކަމަށް ވަކީލުން ސިފަކުރައްވައެވެ. އަމިއްލަ ފަރުދަކު ވިޔަސް ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެ ހުރި މީހަކު ވިޔަސް ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި ހަދައިގެން ނުވާނެ ކަމަށް ވަކީލުން ބުނެއެވެ. އަދި އެއީ ގާނޫނު އަސާސީގެ 141 މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އޮތް އޮތުމާ ހިލާފަށް ކޮށްފައިވާ އަމަލެއް ކަމުގައި ފާހަގަކުރާ ކަމަށް ވެސް ޔާމީންގެ ވަކީލުން ބުނެއެވެ.

އެހެންކަމުން ރައީސް ޔާމީނަށް އިންސާފުވެރި ޝަރީއަތެއް ހޯދައި ދިނުމަށާއި ކުރެވިފައިވާ ތުހުމަތުތަކަށް ޖަވާބުދާރީ ވުމަށް ދުސްތޫރީ ގޮތުން ލިބެން ޖެހޭ އެންމެހާ ހައްގުތައް ފުރިހަމައަށް ލިބޭނެގޮތް ކަށަވަރުކޮށް ދިނުމަށް ދައުލަތުގެ ކަމާބެހޭ އެންމެހާ މުއައްސަސާތަަކަށް އިލްތިމާސްކުރާ ކަމަށް ރައީސް ޔަމީންގެ ވަކީލުން ނެރުނު ބަޔާނުގައި ބުނެއެވެ.

މި މަހުގެ 6 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ ރައީސް ޔަމީންގެ ޝަރީއަތުގެ އަޑުއެހުމުގައި ވަކީލުން ވަނީ އެ މީހުން ހޯދަން އެދިފައިވާ ލިޔެކިޔުންތައް ނުލިބޭ ކމަށް ބުނެފައެވެ. އަދި ޝަރިއަތުަގއި ޖަވާބުދާރީ ވުމަށް ލިޔެކިޔުންތައް ދިރާސާ ކުރަން ބޭނުންވާ ވަރަށް ރައީސް ޔާމީނާ އެކު ބައްދަލު ނުކުރެވޭ ކަމަށް ވެސް ވަކީލުން ވަނީ ބުނެފައެވެ.

އެ ޝަރިއަތުގައި އެ ލިޔެކިޔުންތައް ނުލިބި އޮތް ސަބަބު އޮލޫން ފިލުވުމަށް ފަހު އެ މައްސަލަ ބެއްލެވި ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލު ވަނީ ދިފާއުގެ ވަކީލުން ހޯއްދެވުމަށް އެދިވަޑައިގެން ނުލިބި ހުރި ލިޔެކިޔުންތަކެއް ހޯދުމަށާއި ރައީސް ޔާމީނާއެކު ވަކީލުންނަށް ދިރާސާ ކުރަން ގިނަ ވަގުތު ބޭނުންވާނެތީ އެ އިންތިޒާމުތައް ޕީޖީ އޮފީސް މެދުވެރިވެގެން ހަމަޖައްސައި ދިނުމަށް އަންގަވާފައެވެ.