ޅ. އަތޮޅު ހޮސްޕިޓަލުގައި ކީމޯތެރަޕީގެ ހިދުމަތް މިއަދު ފަށައިފިއެވެ.

އެ ހޮސްޕިޓަލުން ބުނީ އެ ހިދުމަތް ފަށާފައިވަނީ އެހޮސްޕިޓަލުގައި ދާދި ފަހުން ހެދި އޮންކޮލޮޖީ ޓްރީޓްމެންޓް ޔުނިޓުގައި ކަމަށެވެ.

އެގޮތުން އެ ވޯޑުގައި އެއްފަހަރާ ހަ މީހަކަށް ފަރުވާ ދެވޭނެ ކަމަށް އެހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ކީމޯތެރަޕީގެ ހިދުމަތް ފަށަފައިވަނީ ހުޅުމާލެ ހޮސްޕިޓަލާ ގުޅިގެން ކަމަށް ޅ. އަތޮޅު ހޮސްޕިިޓަލުން ވަނީ ބުނެފައެވެ.

ރާއްޖޭގެ ސިއްހީ ހިދުމަތްތައް އިތުރަށް ތަރައްގީ ކުރުމަށް ސަރުކާރުން ކުރަމުން ދާ މަސައްކަތުގެ ދަށުން، ލ. އަތޮޅުގައި ކެންސަރު ހޮސްޕިޓަލެއް ގާއިމް ކުރުމުގެ މަޝްރޫއު އަންނަ އަހަރު ފަށާނެ ކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދާދި ފަހުން ވަނީ އިއުލާނު ކުރައްވާފައެވެ.

ލ. އަތޮޅަށް ކުރެއްވި ޒިޔާރަތެއްގައި ރައީސް ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ކެންސަރު ހޮސްޕިޓަލް ލ. ގަމުގައި އެޅުން ކަމަށާއި މި ހޮސްޕިޓަލަކީ އިންޑިއާގެ އެހީގެ ދަށުން އަޅާ ހޮސްޕިޓަލެއް ކަމުން މިއާ ބެހޭ ލިޔެކިޔުންތައް އިންޑިއާ ސަރުކާރާ މިހާރު ހިއްސާ ކޮށްފައިވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ އެކަމާބެހޭ ނިންމުންތައް ނިންމާ ގަމުގައި އެ ހޮސްޕިޓަލް އެޅުމުގެ އަމަލީ މަސައްކަތްތައް އަންނަ އަހަރު ފެށިގެންދާނެ ކަމަށެވެ.

ކެންސަރު ހޮސްޕިޓަލެއް އެޅުމަށް އަންނަ އަހަރުގެ ބަޖެޓުގައި 5.5 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ. އަދި 2022 ވަނަ އަހަރުގެ ބަޖެޓުން 27 މިލިއަން ރުފިޔާ އެކަމަށް ހަރަދުވާނެ ކަމަށް ލަފާކޮށްފައިވާއިރު، އެ ހޮސްޕިޓަލަށް ޖުމްލަ ހަރަދުވާނެ ކަމަށް ލަފާކޮށްފައި ވަނީ 98 މިލިއަން ރުފިޔާއެވެ.