ރ. ކިނޮޅަހުގެ ފެނުގެ ނިޒާމްގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތުގެ 40 ޕަސަންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފިއެވެ.

އެމްޑަބްލިޔުއެސްސީން ބުނީ ކިނޮޅަހުގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ އަމަލީ މަސައްކަތް ފަށައި އެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ފެން ޕްލާންޓު އިމާރާތުގެ 40 ޕަސަންޓު މިހާރު ނިމިފައިވާ ކަމަށާއި ނަރުދަމާ ނިޒާމް ގާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު އެރަށަށް ގެންގޮސްފައިވާ ކަމަށް އެކުންފުނިން ބުނެއެވެ. އަދި ފެން އުފެއްދުމަށްޓަކައި ބޭނުންވާ ބޯހޯލް ތޮރުފުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އެމްޑަބްލިޔުއެސްސީން ވަނީ ބުނެފައެވެ.

އެމްޑަބްލިއުއެސްސީން ބުނީ މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ކިނޮޅަހުގައި 10.98 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމް ކުރުމާއި އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި 2 އާރްއޯ ޕްލާންޓް ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ހަމައެހެންމެ ފެން ރައްކާކުރުމަށްޓަކައި 190 ކިއުބިކް މީޓަރުގެ 2 ތާންގި އަދި 380 ކިއުބިކް މީޓަރުގެ 1 ތާންގި ބެހެއްޓުމާއި ގޭގޭގައި ފެން މީޓަރު ބަހައްޓައި ފެނުގެ ކަނެކްޝަން ގުޅައިދީ އެ ގެތަކަށް ރައްކާތެރި ބޯފެން ފޮރުކޮށްދެވޭނެ ކަމަށެވެ.

މި މަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ކިނޮޅަހުގައި 7.69 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ގާއިމްކުރުމާއި 870 މީޓަރުގެ ޕަންޕިން ލައިން އެޅުމާއި 3 ޕަންޕިން ސްޓޭޝަނާއި އަދި 1 ސީ އައުޓް ފޯލް ގާއިމްކުރުން ހިމެނޭ ކަމަށް އެމްޑަބްލިއުއެސްސީން ވަނީ ބުނެފައެވެ.

އޭގެ އިތުރުން ގޭގޭގައި ޖަންކްޝަން ބަހައްޓައި ނަރުދަމާ ކަނެކްޝަން ގުޅައިދީ އެ ގެތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެވިގެން ދާނެ ކަމަށާއި ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓާ ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް އެކުންފުނިން މައުލޫމާތު ދެއެވެ.

ކިނޮޅަހުގެ ފެނާއި ނަރުދަމާގެ މަޝްރޫއުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށް އެކުންފުނިން ބުނެއެވެ.

މި މަޝްރޫއުގެ މުއްދަތަކީ 22 މަސް ދުވަސް ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ. އަދި މި މަޝްރޫއުރުއަށް 36 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށާއި މަޝްރޫއުގެ މަސައްކަތް ނިމުމުން އެރަށުގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެންދާނެ ކަމަށް އެމްޑަބްލިއުއެސްސީން ވަނީ ބުނެފައެވެ.