ހަނދާއި ތަރިތަކުގެ ފަރި ބެބުޅުންތަކާ ހަރަކާތްތަކާއި ފަލަކީ ނިޒާމުގެ ތެރޭގައި ހިނގާ އާޝޯހް ކުރަނިވި މަންޒަރުތަކަށް ޝައުގުވެރިވާ މީހުންނަށް މި ރެއަކީ އަހަރުގައި އަންނަ އެންމެ ހާއްސަ އެއް ރެއެވެ.
މި ރެއަކީ މަޝްހޫރު ޖެމިނައިޑް މީޓިއޯ ޝަވާ، އޭގެ އެންމެ ފުރިހަމަ ކުލަވަރުތަކާއެކު ފެންނާނެ ކަމަށް ލަފާކުރާ ރެއެވެ. ޖެމިނައިޑް މީޓިއޯ ޝަވާއަކީ އަހަރުގައި ހިނގާ މިފަދަ އެންމެ ހިތްގައިމު ހަރަކާތް ކަމަށްވެސް ބުނެވެއެވެ. 1862 ވަނަ އަހަރުން ފެށިގެން ރެކޯޑް ކުރަމުން އަންނަ މި މަންޒަރުތަކަކީ ޑިސެމްބަރު މަހަށް ހާއްސަ ކަމެކެވެ.
ފެހިކުލައިގެ އަލިފާން ބޯޅަތަކެއް ފަދައިން ދުންތަރިތައް އުޑުމަތިން ދަތުރު ކުރާ މަންޒަރު އެންމެ ސާފުކޮށް ފެންނާނީ މެންދަމުން އަލިވެ 02:00 ހާއިރުއެވެ. ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުރެގެން މިމަންޒަރު ބެލި ކަމުގައި ވީ ނަމަވެސް، އެ ތަނެއްގެ ގަޑިން 02:00 ހާއިރު ކަމަށް އާތުސްކައިއިން ލަފާ ކުރެއެވެ. އެއީ ދުންތަރީގެ އަލިގަނޑު ގަދަވާ ވަގުތެވެ. ނުވަތަ އުޑުމަތީގެ އެންމެ އުސް ހިސާބުން ދުންތަރި ދަތުރުކުރާ ވަގުތެވެ.
ޖެމިނައިޑް މީޓިއޯ ޝަވާގައި ފެންނަ ދުންތަރިތަކަކީ އެސްޓެރޮއިޑް 3200 ފައެތޮންއިން ބޭރުވެގެންދާ ގަނޑުފެނުގެ ކުނޑިތަކެކެވެ. ސައެންސްވެރިން އަދިވެސް ދަނީ މި އެސްޓެރޮއިޑްއާއި މި ހަރަކާތާ ބެހޭ ދިރާސާތައް ކުރަމުންނެވެ. މިއީ އިރާ އެންމެ ކައިރީގައިވާ ގިނިހިލައެވެ.
މި ގިނިހިލަ ހަނދާ އެންމެ ކައިރިވާ ވަގުތު ކުނޑިތައް ބުރައިގެން ދެއެވެ. އަދި ސިކުންތަކު 22 މޭލު ބާރު މިނުގައި ދުނިޔޭގެ ވައިގެ ފަށަލައަށް މި ކުނޑިތައް ފޭބުމުން އާވިގަނޑެއް އަރައިގެންދާ ފަދައިން ދުނިޔޭގެ ބިމަށް ދުންތަރި ފެންނަނީއެވެ.
ޒަމާނީ އަލިން ތަގައްޔަރުވެފައި ނުވާ އަނދިރި މާހައުލެއްގައި މިރޭ 22:00 އިން ފެށިގެން ފަތިހަށް އަލިވިލެންދެން ދުންތަރީގެ ހަރަކާތްތައް ފެންނާނެއެވެ. މި މަންޒަރު ބަލަން ހާއްސަ އާލާތެއް ބޭނުމެއް ނުވާނެއެވެ. ބޭނުން ވަނީ ހަނދުވަރުގެ އަލި މަޑު، ސާފު އުޑެކެވެ. ދެން ތިބާ ހުންނަ ސަރަހައްދަކީ، ރަށުތެރޭގެ އަލިތަކުން ސަލާމަތްވެފައިވާ ތަނަކަށް ވުމެވެ.