މަސްތުވާތަކެތީގެ ޝިކާރައަކަށްވާ މީހުންނަށް ފަރުވާދެވޭނެ، ފެންވަރު ރަނގަޅު ވަސީލަތްތައް ގާއިމުކުރުމަކީ މި ވަބާ ރާއްޖޭން ނައްތާލަން ކުރާ މަސައްކަތްތަކަށް ލިބޭނެ ވަރަށް ބޮޑު އެހީއެއް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދޭން އައްޑޫގައި ހަދާ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރުގެ ބިންގާ އެޅުމަށް އައްޑޫގައި މިއަދު ބެއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނައިބް ރައީސް ވިދާޅުވީ، އެ ސެންޓަރަކީ އައްޑޫއަށް މި ވަގުތު ވަރަށް މުހިންމު ވެފައިވާ ވަސީލަތެއް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
އެ ސެންޓަރު ނިންމައި އެތަނުގެ ބޭނުން ހިފަން ފެށުމުން މަސްތުވާތަކެތީގެ މައްސަލަތަކުގައި މިހާރަށް ވުރެ ހަރުދަނާ މަސައްކަތްތަކެއް ކުރެވޭނެ ކަމަށާއި މަސްތުވާތަކެތީގެ މައްސަލަ އަކީ މުޅި ރާއްޖެ އަށް ވެސް ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ބޮޑު މައްސަލައެއް ކަމަށް ނައިބް ރައީސް ވިދާޅުވިއެވެ.
އެގޮތުން ސެންޓަރުތަކުން ފަރުވާ ހޯދައިގެން ނުކުންނަ މީހުންނަކީ މުޖުތަމައަށް ބޭނުންތެރި ހަރުދަނާ ބަޔަކަށް ހެދުމަކީ ރިހެބިލޭޝަން ސެންޓަރެއްގެ އެންމެ ބޮޑު މަގުސަދު ކަމަށާއި އެކަމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށް ނައިބް ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރުގެ އަމާޒަކީ ކުށް މަދު އަމާން، ރައްކާތެރި މުޖުތައެއް ބިނާކުރުން ކަމަށްވެސް ވިދާޅުވިއެވެ.
އެ ސެންޓަރު ބިންގާ އަޅުއްވާ ދެއްވީ އައްޑޫ އަށް މިއަދު ކުރެއްވި ރަސްމީ ދަތުރުފުޅުގައި ނައިބު ރައީސް ފައިސަލް ނަސީމާއި އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ)އެވެ. އެ ރަސްމިއްޔާތުގައި ޖެންޑަ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވެސް ބައިވެރިވަޑައިގަތެވެ.
އިންޑިއާގެ ސަރުކާރުގެ އެހީގައި އިމާރާތްކުރާ އެ ރިހެބިލިޓޭޝަން ސެންޓަރަށް ހަ މިލިއަން ރުފިޔާ ހަރަދުވެއެވެ. އެ މަޝްރޫގެ ކޮންޓްރެކްޓަރަކީ ރެއިންބޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑެވެ.
ކަމެއްނުވާ ލާރި ހިތި ވަގު ސަރުކާރެއް. ބާރެއްނެތް ނައިބު......... އެމް ޑީ ޕީ ގެ އެކްޓިވިޓެއްގެ ބާރުވެސް ނައިބުގެ ނެތް.