މި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ރައްޔިތުންނަށް ދިމާވެފައިވާ އެކިއެކި ދަތިތަކަށް ހައްލު ހޯދައިދިނުން ކަމަށާއި، އެ މަސައްކަތްތަކުގައި ސަރުކާރުން ދެމިއޮންނާނެ ކަމަށް ނައިބު ރައީސް، ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގެ ބައެއް ރަށްރަށާއި، ފުވައްމުލައް ސިޓީއަށް މިއަދު ކުރައްވާ ދަތުރުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން އައްޑޫ ސިޓީގެ ހިތަދުއަށް ވަޑައިގަންނަވާ، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްވެސް އަދި މުޅި ސަރުކާރު ވެސް އެންމެ ބޮޑު އިސްކަމެއް ދޭ އެއް އަމާޒަކީ ރާއްޖޭގެ އެކި އަތޮޅުތަކާއި ރަށްތަކުގައި ފޯރުކޮށްދެމުންދާ ސިއްހީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް އެ ދާއިރާ ތަރައްގީ ކުރުން ކަމަށެވެ.

އަދި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ކުރިމަތިވެފައިވާ ބައެއް ދަތިތައް ފާހަގަކުރައްވާ ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ އެ ކަންކަން ހައްލު ކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

މީގެ އިތުރުން، ރާއްޖޭގެ ހުރިހާ ކަންކޮޅަކުން ވެސް ފަސޭހަކަމާއެކު ބޭސް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ސްޓޭޓް ޓްރޭޑިންގް އޮގަނައިޒޭޝަން (އެސްޓީއޯ) މެދުވެރިކޮށް މިހާރު ވެސް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަން ނައިބް ރައީސްގެ ވާހަކަގައި ފާހަގަކުރެއްވިއެވެ.

އަދި ދާއިރާ އިތުރަށް ތަރައްގީކުރުމުގެ ބޭނުމަކީ ރާއްޖޭގެ ހުރިހާ ސަރަޙައްދަކުން ވެސް ފެންވަރު ރަނގަޅު ސިއްހީ ފަރުވާ ހޯދޭނެ އިންތިޒާމުތައް ހަމަޖެއްސުން ކަމަށް ވެސް ވިދާޅުވިއެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީ ކުރުމަށް ކުރިއަށްގެންދާ މަޝްރޫއަށް އަލިއަޅުއްވައިލައްވާއި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވަނީ، އެ ތަނުގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބޭނުންވާ އެކިއެކި ހިދުމަތްތައް ގާއިމުކުރުމުގެ މުހިންމުކަން ވެސް ފާހަގަކުރައްވާފައެވެ.

އަދި، ކޮވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ކުރީ ސަފުގައި ސިއްހީ ހިދުމަތްތެރިން އަދާކުރައްވަމުން ގެންދަވާ ދައުރު ފާހަގަކުރައްވާ، ވަނީ އެ ކަމަށް ޝުކުރު އަދާކުރައްވާފައެވެ.

އެ ބައްދަލުކުރެއްވުމުގައި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ އިސްވެރިން ފާހަގަކުރެއްވި ބައެއް ކަންތައްތަކުގެ ތެރޭގައި އިންސާނީ ވަސީލަތްތައް ހޯދުމުގެ އިތުރުން ދުރު ރާސްތާގައި އެ ސަރަހައްދުގެ ރައްޔިތުންނަށް ބޭނުންވާ ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ޖާގައިގެ ގޮތުން އެ ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ދަތިތައް ހިމެނެއެވެ. މީގެ އިތުރުން، އެ ހޮސްޕިޓަލުގެ ހިންގުން ހަރުދަނާ ކުރުމަށް އިތުރަށް ކުރެވިދާނެ ކަންތައްތައް ނައިބް ރައީސާ ވަނީ ހިއްސާކުރައްވާފައެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސްގެ ނައިބުގެ އަރިހުގައި މިނިސްޓާ އޮފް ހެލްތު އަހްމަދު ނަސީމް، މިނިސްޓާ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް އާއިޝަތު މުހައްމަދު ދީދީ، އަދި މިނިސްޓާ އޮފް ފިނޭންސް އިބްރާހީމް އަމީރުގެ އިތުރުން އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.