މަސްވެރިންނާ ގުޅޭ ކަންކަން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދަށް ނުކުރެއްވޭނެ ނަމަ އޭނާ ބަދަލު ކުރައްވާނެ ކަމަށް ރައްޔިތުން މަޖިލިހުގެ ބިލެއްދޫ ދާއިރާ މެންބަރު އަހުމަދު ހަލީމް (ދޮންބިލަތް) ވިދާޅުވެއްޖެއެވެ.

ދޮން ބިލަތް އެހެން ވިދާޅުވެފައި ވަނީ ޗެނަލް-13އިން ގެނެސްދިން "ތަރާދު" ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުންނެވެ.

އެޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ދޮން ބިލަތް ވިދާޅުވީ ދިވެހިން ބާނާ މަހަށް ހަމަ އަގު ވަރަށް އަވަހަށް ލިބިގެން ދާނެ ކަމަށާއި އެގޮތުން މިއަންނަ ދައުރު ފެށި މަޖިލީހުގައި މަހުގެ ކަންތައްތައް ހަމައަކަށް އެޅުމުގެ މަސައްކަތް ފެށިގެން ދާނެ ކަމަށެވެ.

ދޮން ބިލަތް ވިދާޅުވީ އަންނަ އަހަރަކީ ރާއްޖޭއަށް މަހުގެ ޒަރިއްޔާއިން ބޮޑު ބަދަލެއް ގެނެވޭނެ އަހަރަކަށް ވާނެ ކަމަށެވެ.

ނަމަވެސް ޒަހާ ފިޝަރީސް މިނިސްޓަރުގެ މަގާމުގައި ހުންނަވާ ހާ ހިނދަކު މަހުގެ އަގު މައްޗަށް ޖައްސާ މަސްވެރިންނަށް ކުރަންވާ ކަންކަމުގެ ފުރުސަތެއް ނެތް ކަމަށް ދޮން ބިލަތް ވަނީ ވިދާޅުވެފައެވެ.

ޒަހާ އަށް އެކަން ނުކުރެވެންޏާ ޒަހާ ބަދަލުކޮށްގެން އެކަން ކުރާނަން،
އަޙްމަދު ޙަލީމް (ދޮންބިލަތް)

މަސްވެރިންނާ ގުޅޭ ކަންކަމުގައި ޒަހާ ވަހީދު ފެއިލްވެފައިވާ ކަމަށް މީގެ ކުރިން މަޖިލީހުގެ ބައެއް މެންބަރުން ވަނީ ވިދާޅުވެފައެވެ. އަދި އެންމެ ރަނގަޅު ގޮތަކީ އޭނާ މަގާމުން އިސްތިއުފާ ދެއްވުން ކަމަށް ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ މެންބަރުން ވަނީ ގޮވާލައްވައިފައެވެ. އަދި އިސްތިއުފާ ނުދެއްވައިފި ނަމަ މަގާމުން ވަކި ކުރައްވާނެ ކަމަށްވެސް ބައެއް މެންބަރުން ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން މިނިސްޓަރު ޒަހާ ޒިންމާ އަށް އަދާ ނުކުރެއްވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ވިދާޅުވެފައެވެ.