ޗައިނާ އަށް މިއަހަރު ދައްކަން އޮތީ 1.7 މިލިއަން ޑޮލަރު ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ޖަންގް ލިޒޯންގް ވިދާޅުވެއްޖެއެވެ.

ޗައިނާ ސަފީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއިން ޗައިނާ އަށް މިއަހަރު ދައްކަން އޮތީ 1.7 މިލިއަން ޑޮލަރު ކަމަށާއި ހުޅުމާލެ ފޭސް 2 ގައި 1530 ހައުސިން ޔުނިޓް ޕޭމަންޓަކީ ޗައިނާގައި ހުންނަ އެހެން ގައުމެއްގެ ބޭންކަކަށް ދައްކަން ޖެހޭ ޕޭމަންޓެއް ކަމަށެވެ.

އޭގެ އިތުރުން ސްޓެލްކޯ ފިފްތް ޕަވާ ޑިވެލޮޕްމަންޓް ޕްރޮޖެކްޓަށް ޗައިނާގެ އެކްޕޯޓް އިމްޕޯޓް ބޭންކުން ނަގާފައިވާ ލޯނަކަށް ފައިސާ ދައްކަން ޖެހެނީ އަންނަ ޖެނުއަރީ މަހުގެ މެދުތެރޭގައި ކަމަށް ޗައިނާ ސަފީރު ވަނީ ވިދާޅުވެފައެވެ.

ޗައިނާ ސަފީރު އެހެން ވިދާޅުވެފައި ވާއިރު އިއްޔެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވަނީ ޗައިނާއަށް ދައްކަން އޮތް އަދަދުތަކުގެ ތަފްސީލުތަކާއެކު އެކްސެލް ޝީޓެއް ހިއްސާކުރައްވާފައެވެ. އޭގައި އޮތީ މި މަހު ޗައިނާގެ ތިން ބޭންކަކަށް 7.2 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށެވެ.

ބޮންޑޭ ހާމަ ކުރެއްވި ލިސްޓުގައިވާ ގޮތުން ރާއްޖެއިން ޗައިނާގެ ބޭންކްތަކަށް ދައްކަން ޖެހިފައި ވަނީ، ސްޓެލްކޯ ފިފްތް ޕަވާ ޑިވެލޮޕްމަންޓް ޕްރޮޖެކްޓަށް ޗައިނާގެ އެކްޕޯޓް އިމްޕޯޓް ބޭންކުން ނަގާފައިވާ ލޯނަކަށް ދައްކަން ޖެހޭ 3.14 މިލިއަން ޑޮލަރާއި، ހުޅުމާލެ ފޭސް 2 ގައި 1530 ހައުސިން ޔުނިޓް އެޅުމަށް ޗައިނާ ޑިވެލޮޕްމަންޓް ބޭންކާއި، ސޭލާ ބޭންކުން ނަގާފައިވާ ލޯނަށް ދައްކަން ޖެހޭ 2.37 މިލިއަން ޑޮލަރާއި، ހުޅުލެ އާއި ހުޅުމާލެ ގުޅާލާ މަގުގެ މަސައްކަތަށް އިންޑަސްޓްރިއަލް އެންޑް ކޮމާޝަލް ބޭންކް އޮފް ޗައިނާ އިން ނަގާފައިވާ ލޯނަށް ދައްކަން ޖެހޭ 1.71 މިލިއަން ޑޮލަރެވެ.

ބޮންޑޭ އެ ޓްވީޓު ކުރައްވާފައި ވަނީ ޗައިނާއަށް ދައްކަން ޖެހޭ ލޯންތަކާ ގުޅިގެން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިއްޔެ ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ. އެގޮތުން ރައީސް ނަޝީދު އިއްޔެ ވިދާޅުވެފައި ވަނީ ދައުލަތުގެ ހަޒާނާއިން 14 ދުވަހުގެ މުއްދަތެއްގައި ޗައިނާގެ ބޭންކަށް 15 މިލިއަން ޑޮލަރުގެ ފައިސާ ދައްކަން ޖެހޭ ކަމަށެވެ. އެ ބޭންކުތަކުން އެއްވެސް ލުއިތަކެއް މިހާތަނަށް ދީފައި ނުވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.

ޗައިނާއަށް ދައްކަން ޖެހޭ އެ އަދަދަކީ މިހާރު ރާއްޖެއަށް ލިބޭ އާމްދަނީގެ ތެރެއިން 15 ދުވަހު ލިބޭ އާމަދަނީގެ 50 ޕަސެންޓް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. އެހެން ކަމުން ރާއްޖެއަށް ކުރިމަތިވި ކޮވިޑް ބަލިމަޑުކަމަށް ފަހު ނޭވާލާނެ ފުރުސަތެއް ބޭނުންވާ ކަަމަށް ނަޝީދު ވިދާޅުވެފައި ވެއެވެ.

ރައީސް ނަޝީދުގެ އެ މައުލޫމާތު ދޮގު ކުރައްވާ ޗައިނާއަށް ކަނޑައަޅާފައި ހުންނަ ސަފީރު ޖަންގް ލިޒޯންގް ވިދާޅުވެފައި ވަނީ ޗައިނާ ބޭންކުތަކުން ދޭ މައުލޫމާތަށް ބަލާއިރު ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި ރާއްޖެއިން ޗައިނާއަށް ދައްކަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވާ 15 މިލިއަންގެ ޑޮލަރުގެ ފައިސާގެ މުއާމަލާތެއް ނެތް ކަމަށެވެ. އެހެންކަމުން އެކައުންޓްގެ ތަފްސީލް ބެއްލެވުމަށާއި، އަދި ބަޖެޓަށް، އެ ފައިސާ ރައްކާ ކުރެެއްވުމަށް ޗައިނާ ސަފީރު ގޮވާލެއްވިއެވެ.