ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، އައްޑޫ ސިޓީއަށާއި ފުވައްމުލަކު ސިޓީއަށް މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން ބުނީ ނައިބު ރައީސްގެ ދަތުރުފުޅުގައި ފުރަތަމަ މަންޒިލެއްގެ ގޮތުން ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އައްޑޫ ސިޓިއަށެވެ.
އެގޮތުން އައްޑޫ ސިޓީއަށް ނައިބު ރައީސް ކުރައްވާ ދަތުރުފުޅުފައި ސ.ހިތަދޫގައި ހުންނަ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ޒިޔާރަތްކޮށް އެތަނުގެ މެނޭޖްމަންޓާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
އޭގެ އިތުރުން ނައިބު ރައީސް ސ. ހުޅުދޫއަށް ޒިޔާރަތްކުރައްވާ އެރަށުގައި ގާއިމުކުރާ ޑިޓޮކްސިފިކޭޝަން ސެންޓަރުގެ އިމާރާތުގެ ބިންގާ އަޅުއްވާ ދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ރައީސް އޮފީހުން ބުނީ އެއަށްފަހު ނައިބު ރައީސް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ފުވައްމުލަކު ސިޓީއަށް ކަމަށެވެ. ފުވައްމުލަކަށް ކުރައްވާ ޒިޔާރަތުގައި އެރަށުގެ ވެމްކޯ ވޭސްޓް ކަލެކްޝަން ސެންޓަރާއި އެރަށުގެ މަގު ހެދުމުގެ ޕްރޮޖެކްޓުގެ މަސައްކަތްތައް ކުރިޔަށްދާގޮތް ބައްލަވައިލެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފުވައްމުލަކު ހޮސްޕިޓަލަށް ޒިޔާރަތްކޮށް، އެތަނުގެ މެނޭޖްމަންޓާ ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ނައިބު ރައީސްގެ ދަތުރު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތުން ހަމަޖެހިފައި ވަނީ މިރޭ މެންދަމުގެ ވަގުތެއްގައި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.