ބޯޑަރު ހުޅުވާލި ފަހުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 1 ލައްކައަށް އަރައިފިއެވެ.

އެފަތުރުވެރިޔާ ރާއްޖެ އައިސްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. 1 ލައްކަ ވަނަ ފަތުރުވެރިޔާ އަށް ރާއްޖެއިން ވަނީ މަރުހަބާ ކިޔާފައެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވަނީ މިއަދަކީ ތާރީހީ ދުވަހެއް ކަމަށާއި މިއަދު އެއްލައްކަ ޓޫރިސްޓުން ހަމަވާނެ ކަމަށެވެ.

އޭގެ އިތުރުން މިއަދަކީ ޓޫރިޒަމް މިނިސްޓްރީއަށް އަހަރު ފުރޭ ދުވަސް ކަަމަށާއި އެ މިނިސްޓްރީން މި އަހަރުގެ ނިޔަލަށް ރާއްޖެއަށް ފަތުރުވެރިން ގެނެވޭނެ ކަމަށް ކުރި ޓާގެޓް ހަމަވެގެން ދިއުމަކީ އުފާވެރި ކަމެއްގެ ގޮތުގައި މައުސޫމް ވަނީ ސިފަކުރައްވާފައެވެ.

ކޮވިޑް-19 ގެ ބަލި ފެނުމާއެކު ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި ވަނީ މާޗް 15 ގައެވެ. އަދި ބޯޑަރު އަލުން ހުޅުވާފައި ވަނީ ޖުލައި 15 ވަނަ ދުވަހެވެ.

ޓޫރިސްޓުން އަންނަ އަދަދު މަތިވަމުންދާ އިރު، ބޯޑަރު ހުޅުވި ޖުލައި މަހު ދުވާލެއްގެ މައްޗަށް އައިސްފައި ވަނީ 100 މީހުންނެވެ. ނަމަވެސް މިހާރު އެވްރެޖު ގޮތެއްގައި 1,690 މީހުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބު ތަކުން ދައްކައެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު އެފުށްމިފުށަށް ޖެހިގެން ދިޔުމަށްފަހުން އަލުން އަނބުރާ ކޮޅަށް ޖެހުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން، މިހާތަނަށް 126 ރިސޯޓާއި 119 ހޮޓެލް އަދި ގެސްޓްހައުސްގެ އިތުރުން 123 ސަފާރީ އޮޕަރޭޓް ކުރަމުން އެބަދެއެވެ. މީގެ އިތުރަށް މި ހިނގާ ޑިސެމްބަރު މަހުގެ ނިޔަލަށް 1340 އޮޕަރޭޓްކުރަން ފަށަން ނިންމާފައިވާއިރު އެއީ ސަފާރީއަކާއި 8 ރިސޯޓެވެ.