ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއު ވުމަށް ތަރައްގީ ކޮށްފައިވާ އެންމެ ވަރުގަދަ 3 ވެކްސިނާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އިޝާރާތް ކޮށްފިއެވެ.

ޑަބްލިއުއެޗްއޯގެ ޗީފް ސައެންޓިސްޓް ސޯމްޔާ ސްވާމިނޭތަން ވިދާޅުވީ، ފައިޒާ، މޮޑާނާ އަދި އަސްޓްރާޒެނީކާ އިން ތަރައްގީ ކޮށްފައިވާ ކޮވިޑް ވެކްސިނަކީ، ކުއްލި ހާލަތުގައި ބޭނުން ކުރުމަށް އެކަށީގެންވާ ވެކްސިން ތަކެއް ތޯ ބަލާ، އެކަމަށް ދޭންޖެހޭ ސިއްކަ ދިނުމާ މެދު، ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށެވެ.

ކޮވިޑް-19އާ ދެކޮޅަށް ފައިޒާ/ބައޮއެންޓެކުން ތަރައްގީ ކުރި ވެކްސިން ރަމްޒުކޮށްދިނުމަށް ބޭނުން ކޮށްފައި ވާ ތަސްވީރެއް / ފޮޓޯ: ފްރާންސް 24

ސޯމްޔާ ވިދާޅުވީ ފައިޒާގެ ވެކްސިނާ މެދު ކުރިއަށް އޮތް ހަފުތާތަކުގައި ވަކި ގޮތެއް ނިންމާނެ ކަމަށާ، މޮޑާނާއާއި އަސްޓްރާޒެނީކާގެ ވެކްސިނާ ގުޅުން ހުރި ކަންކަން މުރާޖައާ ކުރުމުގެ މަސައްކަތް މި މުއްދަތުގައި ފެށިދާނެ ކަމަށެވެ.

ޑަބްލިއުއެޗްއޯއިން ވެކްސިނަކަށް ރުހުން ދިނުން ވާނީ، ގައުމީ ފެންވަރުގައި ވެކްސިން މުރާޖާ ކޮށް އެ ވެކްސިނެއްގެ ރައްކާތެރިކަން އެންމެ ފުރިހަމަ ގޮތުގައި ވިލަރެސް ކުރުމުގެ ފަންނީ ގާބިލުކަން ލިބިފައި ނުވާ ގައުމު ތަކަށް ލިބިދޭ ބޮޑު އެހީއަކަށެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް މައިގަނޑު 3 ވެކްސިނެއްގެ އަޑު ގަދަވެފައި ވީ ނަމަވެސް، ކުއްލި ހާލަތުގައި ބޭނުން ކުރުމަށް ޑަބްލިއުއެޗްއޯ އިން ދޫކުރާ ސިއްކައަށް އެދި، 10 ކުންފުންޏަކުން އެޕްލިކޭޝަން ހުށަހަޅާފައި ވާ ކަމަށްވެސް ސޯމްޔާ ވިދާޅުވިއެވެ.

ތަހުލީލީ މަރުހަލާގައިވާ މޮޑާނާގެ ކޮވިޑް-19 ވެކްސިން ޑޯޒްއެއް ސިރިންޖަކަށް ނަގަނީ/ފޮޓޯ: އޭޕީ

ފައިޒާގެ ވެކްސިނަށް އިނގިރޭސިވިލާތާއި ކެނެޑާއިން ރުހުން ދީ، އިނގިރޭސިވިލާތުގައި ފުޅާ ދާއިރާއެއްގައި ވެކްސިން ދޭން ވެސް ވަނީ ފަށާފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެމެރިކާއިންވެސް މި ވެކްސިނާ މެދު ގޮތް ނިންމާނެ ކަމަށް ހަބަރު ލިބެއެވެ.

މިހާތަނަށް ވެކްސިންގެ ޑޯޒްތައް ކަށަވަރުކޮށް ވެކްސިން ދޭން ފެށުމުގެ ކަންކަމުގައި ޝާމިލުވެ، ކުރީގައި އޮތީ މުއްސަނދި ގައުމުތައް ކަމަށް ވާއިރު، ޑަބްލިއުއެޗްއޯގެ ޑައިރެކްޓާ ޖެނެރަލް ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވަނީ، 189 ގައުމު ބައިވެރިވެފައި ވާ ކޮވެކްސް ފެސިލިޓީގައި ހިމެނޭ ފަގީރު އަދި މެދު ފަންތީގެ ގައުމުތަކަށް ހާއްސަ ކޮށްގެން ގާތްގަނޑަކަށް ބިލިއަނެއްހާ ޑޯޒްގެ ވެކްސިން ކަށަވަރު ކުރެވިފައި ވާ ކަން ހާމަ ކުރައްވާފައެވެ.

ކޮވިޑް-19އަށް ވެކްސިން ތަރައްގީ ކުރަމުންދާ އަސްޓްރާޒެނީކާ ކުންފުނި ރަމްޒުކޮށްދިނުމަށް ބޭނުން ކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ބިޒްނަސް އިންސައިޑާ

ވެކްސިނެއް ލިބުމަކީ އުއްމީދު އާ ކޮށްދޭ ކަމެއް ކަމުގައި ވީ ނަމަވެސް، މިއީ ބަލިމަޑުކަމުގެ ނިމުން ނޫން ކަން ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ގެންދަވަނީ ހަނދާން ކޮށްދެއްވަމުންނެވެ. ވެކްސިނަކީ ލިބުނު ކުރިއެރުމެއް ނަމަވެސް، މުޅި ދުނިޔެއަށް ވެކްސިން ފޯރުކޮށް ދިނުމަށް ދިގު މުއްދަތެއްވެސް ހޭދަވާނެއެވެ. އެހެން ކަމުން، މިވަގުތަށް އޮތީ، މިހާރުވެސް ތަންފީޒު ކުރަމުން ދާ ރައްކާތެރި ކަމުގެ ފިޔަވަޅުތަކުގައި ދެމި ތިބުމެވެ. މާސްކު ބޭނުން ކުރުމެވެ. ޖިސްމާނީ ގައިދުރުކަން ދެމެހެއްޓުމެވެ. އިރުޝާދާ އެއްގޮތަށް ގިނަގިނައިން، ވީހާވެސް ރަނގަޅަކަށް އަތް ދޮވުމާއި އެނޫންވެސް އެފަދަ އަމަލުތަކުގައި ދެމި ތިބުމެވެ.

ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ވެކްސިން ހޯދުމަށް އެދި ރާއްޖެއިން ހުށަހެޅި ހުށަހެޅުން ބަލައިގެންފައި ވާ ކަން، ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު އިއުލާން ކޮށްފައެވެ. ސަރުކާރުން އަމާޒު ހިފާފައި ވަނީ، ކުރިއަށް އޮތް 2021 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ވެކްސިން ދޭން ފެށުމަށެވެ.