އިންސާނީ ހައްގުތަކާއި، ޔުނިވާރސަލް ޑެކްލަރޭޝަން އޮފް ހިޔުމަން ރައިޓްސްގައި ބަޔާން ކުރާ އަސާސީ ސިފަތަކުގައި ދިވެހިރާއްޖޭގެ އަދުގެ ސަރުކާރުން ހިފަހައްޓާނޭކަމުގެ ޔަގީންކަން، ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ތަކުރާރު ކޮށްދެއްވައިފިއެވެ.

ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ދުވަހުގެ މެސެޖުގައި ޝާހިދު ވިދާޅުވީ، "ރިކަވަރ ބެޓަރ – ސްޓޭންޑް އަޕް ފޯ ހިޔުމަން ރައިޓްސް" މި މޮޓޯގެ ދަށުން ހަމަހަމަ ކަމާއި، އިންސާފާއި، އާމާންކަން ގާއިމު ކުރުމަށް ބޭނުންވެފައިވާ މިންވަރު އިންތިހާއަށް މުހިންމު ވެފައި ވާ ކަމަށެވެ.

އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށް ދުނިޔެއިން ކުރަމުންދިޔަ މަސައްކަތަށް، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް19) ގެ ސަބަބުން ހިޔަނި އެޅި ބޭއިންސާފާއި، ނަހަމަ އިތުރުވެފައި ވާ ކަން ފާހަގަ ކުރައްވަމުން ދިވެހި ހާރިޖީ ވަޒީރު ވިދާޅުވީ، އިންސާނިއްޔަތަށް އަޅާލަން ޖެހިފައިވާ މިންވަރު އިތުރުވެފައިވާ މި ދަނޑިވަޅުގައި އެއްވެސް ބަޔަކު ބާކީ ނުވާނޭހެން، އެންމެންގެ ހައްގުތަކަށްވެސް ލިބިދޭންޖެހޭ ހިމާޔަތާއި ސަމާލުކަން ލިބޭނޭ ފަދަ އުސޫލަކުން ކަންތައްތައް ބައްޓަންކޮށްގެން ކުރިއަށް ދިޔުމަކީ ނުހަނު މުހިންމު ކަމެއްކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.

އަދި 2030އަށް އަމާޒުކޮށްފައިވާ ސަސްޓެއިނަބިލިޓީ ޑިވެލޮޕްމަންޓް އެޖެންޑާ ގެ އަސާސްތަކުގެ ދަށުން، ބޭއިންސާފާއި، ތަފާތު ކުރުންތައް ނައްތާލަން ބައިނަލްއަގްވާމީ މުޖްތަމައުން މިއަދު އެކުއެކީގައި މަސައްކަތް ކުރަންޖެހިފައި ވާ ކަންވެސް ޝާހިދުގެ މެސެޖުގައި ވަނީ ފާހަގަ ކުރައްވާފައެވެ.

މެސެޖު ކުރިއަށް ގެންދަވަމުން ޝާހިދު ވިދާޅުވީ، އިންސާނީ ހައްގުތައް ދިފާއު ކުރުމާއި، ނެގެހެއްޓުމަކީ ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތުގެ އެއް ތަނބު ކަމަށެވެ. އަދި ބައިނަލްއަގުވާމީ މުޖްތަމައުއިން ކަށަވަރުކުރާ އިންސާނީ ހައްގުތައް، ރާއްޖޭގެ ގާނޫނު އަސާސީއިން ވެސް ކަށަވަރުކުރުމަށް އަހަންމިއްޔަތުކަން ދޭކަން ޝާހިދު ވަނީ ފާހަގަ ކުރައްވާފައެވެ.

"އިންޓަރނޭޝަނަލް ކޮންވެންޝަން ފޯ ދަ ޕްރޮޓެކްޝަން އޮފް އޯލް ޕާރސަންސް ފްރޮމް އެންފޯސްޑް ޑިސަރޕެއަރަންސް" ގައި ރާއްޖެއިން ބައިވެރިވުމުގެ އެންމެ ފަހު މަރުހަލާގައި ވާ ކަން ފާހަގަ ކުރައްވަމުން ދިވެހި ހާރިޖީ ވަޒީރު ވިދާޅުވީ، އިންސާނީ ހައްގުތައް ހިމާޔަތް ކުރުމުގައި އިތުރު ކުރިއެރުންތައް ހާސިލްކުރަން އަދުގެ ސަރުކާރުން އެދޭ މިންވަރާއި އެކަމަށް ކުރާ އުންމީދު، އިހުނަށްވުރެވެސް ވަރުގަދަވެފައި ވާ ކަމަށެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި، އިންސާނީ ހައްގުތަކަށް ހާއްސަ ދުވަހެއް ފާހަގަ ކުރުން ގުޅިފައި އޮންނަނީ ޔުނިވާސަލް ޑެކްލަރޭޝަން އޮފް ހިޔުމަން ރައިޓްސްއާއެވެ. އިންސާނީ ހައްގުތަކުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހެވެ.