ކޮވިޑް ޖެހިގެން މާލޭގެ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑިއޭޗް 11 ގައި ފަރުވާ ދެމުން ދަނިކޮށް ދިވެއްސަކު މަރުވެއްޖެއެވެ.

މިއަދު ހެނދުނު މަރުވެފައި ވަނީ އުމުރުން 69 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިއީ ކޮވިޑްގައި ރާއްޖެއިން މަރުވި 48 ވަނަ މީހާއެވެ.

އިއްޔެ ރާއްޖެއިން ވަނީ 34 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އެ 34 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 15 މީހަކާއި ހިނގަމުންދާ ރިސޯޓަކުން ޕޮޒިޓިވްވި 8 މީހަކާއި ރާއްޖެއިން ބޭރުގައި ދިރިއުޅޭ 2 މީހެއް އަދި އަތޮޅު ތެރެއިން ރަށްރަށުން ޕޮޒިޓިވް ވި ނުވަ މީހުންނެވެ.

އިއްޔެއާ ހަމައަށް އައި އިރު ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 13،308 އަށް އަރާފައެވެ. އޭގެ ތެރެއިން މިއަދު 30 މީހަކު ރަނގަޅުވެފައި ވާއިރު ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 12،621 އަށް އަރާފައެވެ.

މިވަގުތު މިބަލި ޖެހިފައި ތިބި މީހުންގެ އަދަދު 633 ގައި އުޅޭ އިރު، އެމީހުންގެ ތެރެއިން 66 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

ކޮވިޑް ޖެހިގެން މިހާތަނަށް ނިޔާވި މީހުންގެ އަދަދު ވަނީ 48 އަށް އަރާފައެވެ. އެއީ 41 ދިވެހިންނާއި 7 ބިދޭސީންނެވެ. އެ ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 6 މީހަކާއި ފިލިޕީންސް މީހެކެވެ. ނިޔާވި 48 މީހުންގެ އިތުރުން ކޮވިޑަށް ޕޮޒިޓިވް ވި 7 މީހަކު ނިޔާވެފައި ވެއެވެ. އަދި އެ 7 މީހުންނަކީ ކޮވިޑް މަރު ނޫން ކަމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ.