އަންނަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ރާއްޖޭގައި އާންމުންނަށް ކޮވިޑް ވެކްސިން ދޭން ފަށާނެ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރަުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީގެ ތަރުޖަމާނު ވިދާޅުވީ ގައުމުތަކަށް ކޮވިޑް ވެކްސިން ފޯރުކޮށް ދިނުމަށް އުފައްދާފައިވާ ބައިނަލްއަގުވާމީ ގުރޫޕް "ކޮވެކްސް" މެދުވެރިކޮށް ރާއްޖެއަށް ވެކްސިން ހޯދުމަށް ހުށަހެޅުމުން ރާއްޖޭގެ އާބާދީގެ 20 ޕަސެންޓަށް ހިލޭ ވެކްސިން ލިބޭނެ ކަމުގެ ޔަގީންކަން މިހާރު ލިބިފައިވާ ކަމަށެވެ. އެގޮތުން އަންނަ އަހަރުގެ ކުއާޓަރުގެ ތެރޭގައި ދިވެހިންނަށް ވެކްސިން ދޭން ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ވީހާ އަވަހަކަށް ވެކްސިން ގެންނަން މަސައްކަތް މި ކުރަނީ. އަޅުގަނޑުމެން ލަފާކުރަނީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ދިވެހިންނަށް ވެކްސިން ދޭން ފެށޭނޭ ކަމަށް،"
ޑރ. ފާތުމަތު ނަޒްލާ ރަފީގް

ކޮވެކްސްއިން ދޭ ވެކްސިން ރާއްޖޭގެ 20 ޕަސެންޓަށް ދިނުމަށް ނިންމާފައިވާ އިރު ފުރަތަމަ 3 ޕަސެންޓް ދިނުމަށް ހަމަޖެހިފައި ވަނީ ރާއްޖޭގައި ސިއްހީ ހިދުމަތްތެރިންނަށާއި ކަށުކަމާ ކެމީގެ ކަންކަމުގައި މަސައްކަތްކުރާ މީހުންނަށެވެ. ބާކީ 17 ޕަސެންޓް ދިނުމަށް ހަމަޖެހިފައި ވަނީ 50 އަހަރާއި 50 އަހަރުން މަތީގެ ރައްޔިތުންނާއި ހައިރިސްކް މީހުންނަށެވެ.

ކޮވިޑް ވެކްސިން: ފުރަތަމަ ގްރޫޕް

  • ޑޮކްޓަރުންނާއި ނަރުހުންނާއި ލެބް ޓެކްނީޝަނުން
  • ސިއްހީ ހިދުމަތް ދޭ ތަންތަން ސާފުކުރާ މީހުން
  • އާރްއާރްޓީގައި މަސައްކަތް ކުރާ މީހުން
  • ކަށުކަމާކެމީގެ ކަންކަން ކުރުމުގައި އުޅޭ މީހުން
  • ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުޑަކުދިންގެ ސެންޓަރުތަކުގައި މަސައްކަތް ކުރާ މީހުން

ކޮވިޑް ވެކްސިން: ދެވަނަ ގްރޫޕް

  • 50 އަހަރާއި 50 އަހަރުން މަތީގެ ހުރިހާ ރައްޔިތުންނަށް
  • ކެންސަރު ބަލި ތަހައްމަލު ކުރާ މީހުންނާއި މިދިޔަ އެއް އަހަރު ތެރޭގައި ކެންސަރު ބައްޔަށް ފަރުވާ ހޯދާފައި ތިބި މީހުން
  • ހަކުރު ބަލި ހުންނަ މީހުން
  • އިސްކޮޅާ އެކަށީގެން ނުވާ ވަރަށް ބަރުދަން ހުންނަ މީހުން
  • ކިޑްނީ ބަލީގެ 3 ވަނަ ސްޓޭޖްގައި ފަރުވާ ހޯދަމުންދާ މީހުން
  • ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލިތަކާއި، ލިވާގެ ބަލިތަކަށް ބޭސް ކުރާ މީހުން
  • ސްޓްރޯކް ޑިމެންޝިއާ ހުންނަ މީހުން
  • ތެލެސީމިއާ ކެރިއަރުން
  • ބަލިހާލު ބޮޑުވެ އެނދުމަތިކޮށްފައި ތިބޭ މީހުން

ކޮވިޑް ވެކްސިން: ތިންވަނަ ގްރޫޕް

  • ޓީޗަރުންނާއި ފުލުހުންނާއި ސިފައިން
  • އެއާޕޯޓުތަކާއި އެއާލައިންތަކާއި ޓްރެވަލް އެޖެންސީގެ މުވައްޒަފުން
  • ޓޫރިޒަމް ދާއިރާގެ މުވައްޒަފުން
  • ވެމްކޯ މުވައްޒަފުން
  • ކަނޑު ދަތުރުފަތުރު ކުރާ އުޅަނދުފަހަރުގެ ކްރޫއިން
  • ޕަބްލިކް ޓްރާންސްޕޯޓް ހިދުމަތްދޭ ފަރާތްތައް
  • ޕަބްލިކް ސާވިސް ހިދުމަތްދޭ މީހުން
  • ބޭރު ގައުމުތަކަށް ދަތުރުފަތުރު ކުރަންޖެހޭ ފަރާތްތައް

ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ތިން ވަނަ ބުރުގައި ހިމެނެނީ 20 ޕަސެންޓް މީހުންގެ އިތުރުން އާބާދީގެ އިތުރު މީހުންނަށެވެ. އެ މީހުންނަށް ވެކްސިން ހޯދުމަށް ސަރުކާރުގެ ފަރާތުން މަސައްކަތް ކުރަމުންދާ ކަަމަށް ނަޒްލާ ވިދާޅުވިއެވެ. މިހާރު ވެކްސިން ގެނެސް ރައްކާކުރުމުގެ ނިޒާމް ހަރުދަނާ ކުރުމާއި ވެކްސިން ދިނުމަށް ތައްޔާރުވަމުންދާ ކަަމަށް ނަޒްލާ ވިދާޅުވިއެވެ. ކޮވިކްސް އިން ވެކްސިން ލިބޭނީ ބައިބަޔަށް ކަމަށާއި އިތުރު ވެކްސިންތައް ވެސް ލިބޭނީ ބައިބަޔަށް ވަކިވަކިން ކަމަށް ނަޒްލާ ވިދާޅުވިއެވެ.